ވަޒީރު ޚަލީލް ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި މަހުގެ 11 އިން 16 އަށް ޚާރިޖީ  ވަޒީރު ޢަބްދުﷲ  ޚަލީލް ކުރެއްވި  މިދަތުރުފުޅަކީ  ތުރުކީގެ އަންތާލިޔާގަ...

16 Apr 2025 | 02:53

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި މަހުގެ 11 އިން 16 އަށް ޚާރިޖީ  ވަޒީރު ޢަބްދުﷲ  ޚަލީލް ކުރެއްވި  މިދަތުރުފުޅަކީ  ތުރުކީގެ އަންތާލިޔާގައި  އޮތް  ހަތަރުވަނަ  އަންތާލިޔާ  ޑިޕްލޮމެސީ  ފޯރަމް  ގައި  ބައިވެރިވެވަޑައިގަތުމަށް  ކުރެއްވި  ދަފުރުފުޅެކެވެ.

މި  ފޯރަމް  ގެ  ހަވާސާގެ  ތެރެއިން  އެންގޯލާ،  އަޒަރްބައިޖާން،  ގެމްބިއާ،  އަދި  ހަންގޭރީގެ  ޚާރިޖީ  ވަޒީރުންނާ  ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލް  ބައްދަލުކުރެއްވިއެވެ.  މީގެއިތުރުން،  ތުރުކީގެ  މިނިސްޓަރ  އޮފް  ޓްރޭޑް  އޮމެރް  ބޮލާޓް  އަދި  ތުރުކީގެ  މިނިސްޓަރ  އޮފް  ކަލްޗަރ  އެންޑް  ޓޫރިޒަމް  މެހްމެތް  ނޫރީ  އެރްސޯއި  އާވެސް ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލް  އަންތާލިޔާގައި  ބައްދަލުކުރައްވާފައިވެއެވެ.

މި  ދަތުރުފުޅުގައި އަންްތާލިޔާ  ޑިޕްލޮމެސީ  ފޯރަމްގައި  ބައިވެރިވެވަޑައިގަތުމުގެ  އިތުރުން ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލް  ތުރުކީގެ  ވެރިރަށް  އަންކާރާ  އަދި  އިސްތާންބުލްގައިވެސް  ރަސްމީ  ހަރަކާތްތަކުގައި  ބައިވެރިވެވަޑައިގެންނެވިއެވެ.

މިގޮތުން،  ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލްގެ  އަންކާރާ  ދަތުރުފުޅުގައި  އެންމެ  ފާހަގަކޮށްލެވޭ  ކަމަކީ  ތުރުކީގައި  ގާއިމުކުރެވުނު  އެންމެ  ފުރަތަމަ  ދިވެހިރާއްޖޭގެ އެމްބަސީ  ރަސްމީކޮށް  އިފްތިތާހުކޮށްދެއްވުން ކަމަށާއި މިއީ  ތުރުކީ  އާ  ދިވެހިރާއްޖެ  އާ  ދެމެދުގައިވާ  ގުޅުމަށް  ލިބުނު  ވަރަށް  ބޮޑު  ކުރިއެރުމެއްކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލް  އިސްތާންބުލް  އަށް  ކުރެއްވި  ދަތުރުފުޅުގައި  އިޤްތިޞާދީ  ކުރުއެރުވުން  އަދި  ވިޔަފާރި  އާ  ބެހޭ  ވަޒީރު  މުޙައްމަދު  ސަޢީދު  ބައިވެރިވެވަޑައިގެންނިވެވިއެވެ.  އަދި،  ދެ  ވަޒީރުން  ތުރުކީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ މުއާމަލާތްކުރައްވައި،  ދިވެހިރާއްޖޭގައި  އިންވެސްޓް ކުރުމުގެ ފުރުސަތައް ހިއްސާ ކުރެއްވިއެވެ.

ޚާރިޖީ  ވަޒީރު  ޑޮކްޓަރ  ޢަބްދުﷲ  ޚަލީލްގެ އަރިހުގައި  މިނިސްޓްރީ  އޮފް  ފޮރިން  އެފެއާޒްގެ ސެކްރެޓަރީ  ޑޮކްޓަރ ހަލާ  ޙަމީދު  އަދި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް