ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް އޭސީސީން ދިރާސާއެއް ހަދަނީ

ދިވެހިރާއްޖޭގައި، ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމަށް ޚާއްސަ ދިރާސާއެއް ހެދުމަށް ނިންމައި އެ ދިރާސާއާއި ގުޅޭ މަސައްކަތް ފަށާފައިވާކަމުގައި އެ...

16 Apr 2024 | 13:25

ދިވެހިރާއްޖޭގައި، ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމަށް ޚާއްސަ ދިރާސާއެއް ހެދުމަށް ނިންމައި އެ ދިރާސާއާއި ގުޅޭ މަސައްކަތް ފަށާފައިވާކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވްސް (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭ ތަފްސީލު ހާމަކޮށް މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އޭސީސީގެ އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފުސީލު، ދިރާސާކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިޢާޔަތްކުރެވި، ދިރާސީ ބުރަދަންދެވޭ ހޯދުންތަކުގެ (އެވިޑެންސް ބޭސްޑް) އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.

މިއީ، ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި، އަރައިގަންނަ ގޮތްތަކާއި، އަރައިގަންނަން ދައުލަތުގެ މަޤާމާއި، ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާއި، އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރިކުރާ ގޮތާއި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި، ޚަރަދުބަރަދު ބަލަހައްޓާ ގޮތް ފަދަ، "ކްރިމިނަލް މައިންޑްސެޓް" އާއި، އެފަދަ އެހެނިހެން ކަންކަން ތަފުސީލުކޮށް ދިރާސާކުރެވޭ ފުރަތަމަ ފަހަރު ކަމާއި މިއީ ދިވެހިރާއްޖޭގައި ޖިނާއީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުންނަ ސަބަބުތައް ދެނެގަތުމުގެ މިފަދަ ފުރަތަމަ ދިރާސާކަންވެސް އޭސީސީއިން ފާހަގަކުރެއެވެ.

"ކުށްކުރާ ފަރާތްތަކުގެ ސުލޫކާ ގުޅުންހުރި ކަންކަމާއި، ދިވެހި މުޖުތަމަޢުގައި ކޮރަޕްޝަނުގެ ކުށާގުޅޭ، ސުލޫކީ ނިންމުންތައް ނިންމާ ގޮތާއި (އެތިކަލް އިންޑިކޭޓަރސް)، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމާ ގުޅުންހުންނަ ހެވާއިނުބައި ވަކިކުރުމުގައި ވިސްނުން ގެންގުޅޭގޮތް މިދިރާސާގެ އަލީގައި ދެނެގަނެވޭނެ، އަދި، މީގެ އިތުރުން، ތަކުރާރުކޮށް ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި، ޖުމުލކޮށް ކޮރަޕްޝަނުގެ ކުށްކުރާ ފަރާތްތަކުގެ ފުދުންތެރިކަމާއި، ތަޢުލީމާއި، އެހެނިހެން ކުށްކުރުމާ ގުޅުންހުންނަ މިންވަރުވެސް މި ދިރާސާގެ ތެރެއިން ދެނެގަނެވޭނެ" އޭސީސީއިން ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވަނީ މީގެ ކުރިން އެ މުއައްސަސާއިން ކުރިޔަށް ގެންދިޔަ، ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތާއި އާންމުން ހޭލުންތެރިވެފައި އޮތް މިންވަރުގެ ދިރާސާ ހޯދުންތަކާއި، މި ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ، ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ޤާއިމްކުރުމަށް އަލަށް ހެދޭ މި ދިރާސާގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އޭސީސީއިން އިތުރަށް ބުނެފައިވާގޮތުގައި މި ދިރާސާގެ ހޯދުންތަކުން، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖޭގައި ސުކޫލުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޢަމަލުކުރާންޖެހޭ ގޮތްތަކާއި، ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ޤާނުނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާންޖެހޭ ގޮތްތައް ކަނޑައެޅޭނެއެވެ. އަދި ކޮމިޝަނުން ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަމަލުކުރަންޖެހޭ ގޮތްތައްވެސް ދެނެގަނެވޭނެއެވެ. އަދި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމުގެ އިހުތިމާލުތައް ދެނެގަނެވި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވި، ދުރާލާ ހިންގަންޖެހޭ އިންޓަވެންޝަން ޕްރޮގްރާމްތައް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް