އިންޑިއާގައި ނޫސްވެރިންނަށް ވެގެންތިބި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މުސްލިމް، ކުރީގެ އެމްޕީއަކާއި އިތުރު މީހަކު މަރާލައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ނޫސްވެރިންނަށް ވެގެން ތިބި ބަޔަކު ބަޑިން ހަމަލާދީ މުސްލިމު ދެ ލީޑަރަކު މަރާލި މައްސަލަ ހޫނުވެ މަސްރަހު ގޯސްވެއްޖެއެވެ. ބަޑި ޖަހާ މަރާލާފައިވަނީ ކުރީގެ އެމްޕީއެއް ކަމުގ...

16 Apr 2023 | 18:33

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ނޫސްވެރިންނަށް ވެގެން ތިބި ބަޔަކު ބަޑިން ހަމަލާދީ މުސްލިމު ދެ ލީޑަރަކު މަރާލި މައްސަލަ ހޫނުވެ މަސްރަހު ގޯސްވެއްޖެއެވެ.

ބަޑި ޖަހާ މަރާލާފައިވަނީ ކުރީގެ އެމްޕީއެއް ކަމުގައިވާ އާތިކް އަހްމަދާއި އޭނާގެ އާއިލާ މެންބަރެއް ކަމުގައިވާ އަޝްރަފް އަހްމަދެވެ. އަޝްރަފް އަހްމަދު އަދި އާތިކް އަހްމަދަކީވެސް އިންޑިއާގެ މުސްލިމް މައިނޯރިޓީގެ އުއްތަރް ޕްރަދޭޝްގައި އިސް ދެ ލީޑަރެކެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މި ދެމީހުން މަރާލާފައިވަނީ ބޭސް ފަރުވާއަކަށް ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔަ މަގުމަތީގައި ނޫސްވެރިންތަކެއް އެ ދެމީހުންނާއި ސުވާލު ކުރަމުންދިޔަ ވަގުތެއްގައި ނޫސްވެރިންގެ ތެރެއިން، ނޫސްވެރިންނަށް ވެގެންތިބި ތިން މީހަކު ފިސްތޯލަ ހިފައިގެން ނިކުމެ އެ ދެމީހުންގެ ބޮލަށް ބަޑި ޖަހައިގެންނެވެ. މަރުވި އިރުވެސް ދެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ބިޑި އަޅުވާފައެވެ. އެ ދެމީހުންގެ ދެ ފަރާތުގައި ފުލުހުންވެސް އެމީހުންގެ ގައިގާ ހިފަހައްޓައިގެން ތިއްބެވެ.

އާތިކް އަހްމަދާއި އަޝްރަފް އަހްމަދުގެ ބޮލަށް ބަޑީގެ ވަޒަން ވަރަށް ކައިރިން އަމާޒުވި މަންޒަރު ލައިވް ޓީވީއަށް ރެކޯޑު ކުރެވި ދުރަށް ދެއްކިފައިވާއިރު ހަމަ އެ ވަގުތު އެ ހަމަލާ ދިން މީހުން ވަނީ އަމާން ދިނުމުން ހައްޔަރު ކޮށްފައެވެ.

މި މައްސަލައިގާ އުއްތަރު ޕްރަދޭޝްގެ ފުލުހުންނަށް ތުހުމަތުގެ އިނގިލި ދިއް ކުރެވެމުން އަންނައިރު އަނެއްކާވެސް ދެ މުސްލިމަކު މިފަދަ ރަހުމްކުޑަގޮތަކަށް މަރާލާފައިވާއިރު އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާއި ދެމެދު އޮންނަ ހަމަނުޖެހުންތައް އިތުރަށް ހޫނުވެދާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބާ މިފަދަ ގޮތަކަށް ދެމީހަކު މަރާލުމަކީ އެ ގައުމުގައި ގާނޫނީ ބާރު ކެނޑި ހަމައެއް ލަމައެއް ނެތް ކަމުގެ މިސާލެއްކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން އުއްތަރް ޕްރަދޭޝްގެ ސަރުކާރުން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް