ނ. މަނަދޫގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ މި މަހުގެ ހަތްވަނަ ދުވަހު ފެނުނު ނައީމާ މޫސާގެ މަރަށް ހަފްތާއެއް ވެފައިވާއިރުވެސް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ލުޔެއް ނުލިބި އެ ކަންބޮޑުވުން އިތުރުވަމުން އަންނަ ކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ.
މިއަދު ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހް ވިދާޅުވީ އާންމު ހާލަތު އަދިވެސް ރަނގަޅު ނޫން ކަމަށެވެ. ނަފްސާނީ ކަންތައްތަކެއްވެސް އެބަ ހުރި ކަމަށެވެ. ބިރުވެރިކަންވެސް އެބަ އޮތް ކަމަށެވެ.
"ފުލުހުންނާ ބައްދަލުކުރަމުން މިދަނީ، ތަހުގީގަށް ކުރިއެރުން ލިބޭކަން ފުލުހުން ފާހަގަކުރައްވާ" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ނައީމާގެ މަރާއި ގުޅިގެން ރަށުގެ ބައެއް ފަރާތްތަކުގެ ފިންގަރޕްރިންޓް ނެގުންފަދަ ކަންކަން ކުރިއަށްދާކަން ކައުންސިލްގެ ރައީސް ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ.
ކައުންސިލްގެ ރައީސް ސަބީހް އިތުރަށް ވިދާޅިވީ ކޭސްގެ ގޮތުން ވަގުތު ނަގަނީ ކަމުގައި ބެލެވޭ ކަމަށާއި އެހެން ނަމަވެސް ލަސްވާ ލަސްވުމަކީ ރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. ރައްޔިތުންނަށް އޮތް ބިރުވެރިކަމާ ރަށުގެ އަމާންކަމަށް ހައްލެއް ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
މައްސަލައިގާ ފުލުހުންގެ ކޮމެންޓެއް ހޯދާލަން މިއަދު ގުޅާލުމުން ފުލުހުން ބުނީ މައްސަލައިގާ މީޑިއާއަށް ހާމަކުރާނެ އާ މައުލޫމާތެއް އަދި ނެތް ކަމަށެވެ.
މި މަހުގެ ހަތެއް ވީ ހުކުރު ދުވަހުގެ އިރު އޮއްސުނުހާއިރު ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މި މައްސަލައާއި ގުޅިގެން އެ ރަށަށް ފުލުހުންގެ ޓީމުތައް ގޮސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް