ޔޫއޭއީގައި ކުރިޔަށް ދިޔަ ދުބާއީ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކޮށް ފަހުރުވެރި ކާމިޔާބަކާއި އެކު އަލްޙާފިޡް އަޙްމަދު ނަބީހު ރާއްޖެ އަތުވެއްޖެ އެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މި ރޯދަ މަހުގެ1-14 އަށް ދުބާއީގައި އެވެ. މި މުބާރާތުގައި ނަބީހު ވަނީ ފައިނަލުގައި ވާދަކޮށް ރީތި ރާގުތަކަށް ޤުރުއާން ކިޔަވައި ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
ނަބީހު މުބާރާތުގައި ބައިވެރިވުމަށް ކުރި ދަތުރު ނިންމާލުމަށް ފަހު އެނބުރި ރާއްޖެ އައީ މިއަދު މެންދުރު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާ ބައްދަލު ކުރައްވާ މިނިސްޓަރު ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ބައިވަރު ކުދިބަޔަކާއި ވާދަކޮށް ނަބީޙް ފައިނަލް ބުރުގައި ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އެ މުބާރާތުގައި ނަބީޙް ފަދަ ކުއްޖަކު ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާ މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރު ވަނީ ނަބީޙަށް ހިތްވަރުދެއްވާފައެވެ.
މި ބައްދަލުވުމުގައި ނަބީހުގެ މަންމަ ވަނީ ސަރުކާރުން މި ދަތުރަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ދުބާއީގައި ހޭދަވި މުއްދަތުގައި އެއްވެސް ކަމަކަށް ދަތިވެފައި ނުވާކަމަށް ބުނެފައިވެ އެވެ.
ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައިދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ. އެހެންނަމަވެސް ނަބީޙަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށްވާތީ ނަބީޙުގެ މަންމައާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ގިނަ ކުންފުނިތަކާއި މީގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް