މިހަފްތާތެރޭ ދެވަނަ ފަހަރަށް ލިމިޓް ކަނޑައަޅާ މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް ކަމަށް މިފްކޯއިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް އަދިވެސް މަސް ކިރުވާ ކަމަށެވެ. އެހެންވެ، މަސް ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ އާއި އެހެން ދަތިތައް ހައްލު ކުރުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ބާނާ އަދަދު މި ދުވަސްވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެހެންވެ ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް ބުންޏެވެ.
މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެއްކަމަށްވާ ޖަޒީރާ-102 ކޫއްޑު އަށް ވަނީ ފޮނުވައިފަ އެވެ.
މަސްކިރުވުން ކޮންޓްރޯލް ކުރުމަށް މިފްކޯއިން ވަނީ މި ހަފްތާގައި ކޮންމެ ދޯންޏަކުން ކިރުވައިދޭނީ ފަސް ޓަނު މަސްކަމަށް ކަނޑައަޅާފައެވެ. ނަމަވެސް މިނިންމުމާ ދެކޮޅުހަދާ މަސްވެރި ކޫއްޑޫގައި އިހުތިޖާޖުކުރުމާއި ގުޅިގެންވަނީ ހުރިހާ ދޯންޏަކުން ބޭނި ހުރިހާ މަހެއް ކިރުވާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް