"ނިލަންދޫ ތަރި" މުބާރާތާއި އަލްވަދާޢުކީ ފުރަތަމަ 3 ބައިވެރިންނަކީ ފަދުވާ، މަޒީނާ އަދި އާނިޔާ

ފ.ނިލަންދޫ ކައުންސިލުން މުޅިން އަލަށް އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދާ "ނިލަންދޫ ތަރި" ޤުރުއާން މުބާރާތުގައި މުބާރާތުގެ ޤަވާޢިދުގައިވާގޮތުގެ މަތިން 3 ބައިވެރިއަކު މުބާރާތާއި ...

15 Apr 2022 | 22:14

ފ.ނިލަންދޫ ކައުންސިލުން މުޅިން އަލަށް އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދާ "ނިލަންދޫ ތަރި" ޤުރުއާން މުބާރާތުގައި މުބާރާތުގެ ޤަވާޢިދުގައިވާގޮތުގެ މަތިން 3 ބައިވެރިއަކު މުބާރާތާއި ވަކިވެއްޖެއެވެ.

އެގޮތުން ފުރަތަމަ ހަފްތާގެ ބައިވެރިންގެ ނަތީޖާއަށް ބެލުމަށްފަހު މުބާރާތާއި ވަކިވާން ޖެހުނީ ފ.ނިލަންދޫ / ވައިއެރޭގެ ، ފަދުވާ މޫސާ ނަޢީމުއާއި ، ފ.ނިލަންދޫ / ހިޔާ ، މަޒީނާ ޢަބްދުﷲ އަޙުމަދާއި ފ.ނިލަންދޫ / ކަރަންކާވިލާ ، އާނިޔާ ޢަލީއެވެ.

ރަމަޟާންމަހު ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހުގެރޭ ނިލަންދޫ ލާރނިންގ ސެންޓަރުގައި ބާއްވަމުން އަންނަ މުބާރާތުގެ 2 ވަނަ ހަފްތާގެ ކިޔެވުން މިރޭ ކުރިޔަށް ދިޔައިރު މުބާރާތާއި ވަކިވި ބައިވެރިންނަށްވަނީ ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ތަދްރީސުލް ޤުރުއާނުލް ކަރީމުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ނިހާން އިންވެސްޓްމަންޓުން ސްޕޮންސަރކޮށްގެން ނިލަންދޫ ކައުންސިލުން ދޭ ޝީލްޑް ޙަވާލުކޮށްފައެވެ.

މުބާރާތުގެ 12 ވަނަ ބައިވެރިއަކަށް ހޮވުނު ފަދުވާ މޫސާ ނަޢީމަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ނިލަންދޫ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ޢަޒީޒުއެވެ. މުބާރާތުގެ 11 ވަނަ ބައިވެރިއަކަށް ހޮވުނު މަޒީނާ ޢަބްދުﷲ އަޙުމަދަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ނިލަންދޫ ޑޭލައިޓް ކްލަބްގެ ރައީސް ޢަބްދުއް ރައްޒާޤު ޙުސައިންއެވެ. 10 ވަނަ އަށް ހޮވުނު އާނިޔާ ޢަލީ އަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުލް މަޖީދު މޫސާއެވެ.

3 ބައިވެރިން ވަކިވުމަށްފަހު ބާކީތިބި 9 ބައިވެރިންވަނީ ތިލާވާއާއި ޙިފުޒު އަދި ޢުލޫމުލް ޤުރުއާނުން އެބައިވެރިއަކަށް ޤުރުއަތުން ލައްވާލި ސުވާލުތަކަށް ޖަވާބުދީފައެވެ. އެބައިވެރިން ކުރި މަސައްކަތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ހަފްތާ ހުކުރު ދުވަހުގެރޭ ކުރިއަށްގެންދާ ޕްރޮގްރާމުގައެވެ. އަންނަ ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 2 ބައިވެރިއަކު މުބާރާތުން ވަކިވެގެންދާނެ ކަމަށް ނިލަންދޫ ކައުންސިލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މުބާރާތް ކުރިއަށް މިގެންދެވެނީ ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި، ނިލަންދޫ ސްޕޯރޓްސް ކްލަބާއި،  ނިލަންދޫ ޑޭލައިޓް ކްލަބާއި، ފެނަކަ ކޯޕަރޭޝަންއާއި، ތަދްރީސުލް ޤުރުއާނުލް ކަރީމްއާއި، ނިހާން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ހިލާލު ފިހާރައިގެ އިތުރުންވެސް ރަށުން ބޭރު އެތައް ފަރާތެއްގެ ދީލަތި އެހީތެރިކަން ވަނީ ލިބިފައެވެ.

މުބާރާތުގެ 1 ވަނައަށް އަންނަ ފަރާތަކަށް ނިލަންދޫ ކައުންސިލުން 15000ރ. (ފަނަރަހާސް ރުފިޔާގެ) ފައިސާގެ ޢިނާމެއް ހުށަހަޅާފައިވާއިރު ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލްބްރޫޖް ޙައްޖު އެންޑް ޢުމުރާގެ ހެޔޮއެދުންތަކާއެކު ޢުމުރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް