ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 1.3 ކިލޯއަށްވުރެ ގިނަ ހެރޮއިންނާއެކު ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ބިދޭސީ އަކާއި 43 އަހަރުގެ ދިވެއްސެކެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ އެ ދެ މީހުން ހައްޔަރު ކުރީ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވަތަކެތި ފެނުމުން ކަމަށެވެ. އެމީހުން ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ސިލިކޯން ހުސްކުރި ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައިހުރި 100 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސާ އަލީ އިތުރަށް ވިދާޅުވިީ، އިއްޔެގެ އޮޕަރޭޝަންގައި އަތުލައިގަތް 1.3 ކިލޯގެ މަސްތުވާތަކެތި ޓެސްޓުކޮށް ބެލިއިރު އެއީ ހެރޮއިންކަން ދައްކާ ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވިދާޅުވިއެވެ.
ހައްޔަރުކުރި ދިވެހި މީހާ އުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެގޭގައި ހުރި އުދުނެއްގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި އަޅާފައިހުރި 26 ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށެވެ. އަދި ކޮތަޅު ބަންދުކުރުމަށް ބޭނުންކުރާ މެޝިނަކާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ޑިޖިޓަލް ކައްޓާއެއްގެ އިތުރުން ރަބަރު ކޮތަޅު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..
މީގެ އިތުރުން ދިވެހި މީހާއަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މީހެއް ކަމަށް ބެލެވޭ ކަމަށާއި އަދި މި ދެމީހުންގެ ޕޮލިސް ރެކޯޑެއް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް