ހުއްދަ ނެތި ސީރަތު ބަންގާޅުން ފުރުން މަނާކޮށްފި

ބަންގުލަދޭޝްގައި ތަޢުލީމު ހާޞިލްކުރަމުންދިޔަ ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، ރައުދާގެ އާއިލާއިން ތުހުމަތުކުރާ ރައުދާގެ އެކުވެރިޔާ ސީރަތު ޕަރުވީން މުޙައްމަދު ...

16 Apr 2017 | 11:53

ބަންގުލަދޭޝްގައި ތަޢުލީމު ހާޞިލްކުރަމުންދިޔަ ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، ރައުދާގެ އާއިލާއިން ތުހުމަތުކުރާ ރައުދާގެ އެކުވެރިޔާ ސީރަތު ޕަރުވީން މުޙައްމަދު ބަންގުލަދޭޝްއިން ފުރުން އެޤައުމުގެ ފުލުހުން މަނާކޮށްފިއެވެ.

ސީރަތުއަކީ ރައުދާއާއެކު ބަންގުލަދޭޝްގެ ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖު(އައިބީއެމްސީއާރު) ގައި ތަޢުލީމު ހާޞިލްކުރަމުންދިޔަ އިންޑިއާގެ ދަރިވަރެކެވެ.

ރައުދާ މަރާލީކަމަށާއި، އެ މައްސަލަ ފުރިހަމައަށް ތަހުޤިގުކޮށްދިނުމަށް އެދި ރައުދާގެ އާއިލާއިން ރާޖްޝާހީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބަލައިގަނެ، މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރިއެވެ. މައްސަލަ ހުށަހެޅިއިރު ރައުދާގެ ބައްޕަވަނީ ސީރަތުގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތައް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ.

ކޯޓުން ފުލުހުންގެ މައްޗަށް މައްސަލަ ތަހުގީގުކުރުމަށް އަމުރުކުރުމުން ފުލުހުންވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ބަންގުލަދޭޝްގެ ސީއައިޑީއަށް ހަވާލުކޮށްފައެވެ.

ރައުދާގެ މަރުގެ ތަހުގީގަށް ދިވެހި ފުލުހުން ބަންގުލަދޭޝްއަށް ދިއުމަށްފަހު، މިދިޔަ ހަފްތާގައިވަނީ އެ ތަހުގީގުން ފާހަގަވި ކަންތައްތައް މީޑިއާއާއި ހިއްސާކޮށްފައެވެ. ސީރަތުގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ ހެއްކެތް ލިބިފާނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ދަ ޑެއިލީ ޓައިމްސްގައި ރާޖްޝާހީގެ މަޚްމޫދު ޕޮލިސް ސްޓޭޝަނަށް ހާވާލާދީ ބުނެފައިވަނީ ސީރަތު މިވަގުތު ބައެގައުމުން ފުރުން މަނާކޮށްފައިވާކަމަށާއި އޭނައަށް ފުރޭނީ ފުލުހުންގެ ހުއްދަ ލިބިގެންކަމަށެވެ. އަދި މިކަން ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާނެކަމަށް އެ ޕޮލިސް ސްޓޭޝަންއިން މަޢުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް