ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިރިއުޅުއްވާ ގެކޮޅު، މ. ވިލާ އާއި، ވިލާ ބިލްޑިންގ އިތުރުން ވިލާ ޝިޕިން އެންޑް ޓްރޭޑިން ބަލާ ފާސްކުރުމުން ތުހުމަތު ކުރި އެއްވެސް އެއްޗެއް ފެނިފައިވާ ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެ ތަންތަނަށް ވަދެފައިވަނީ ކޯޓު އަމުރަކާއި އެކު އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބަލާ ފާސް ކުރުމުގެ އަމުރު ދީފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ބަދަލު ކުރަން އުޅުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ އިތުރުން ގައުމުގެ ދިފާއީ ބާރުގެ ތެރޭގައި ފިތުނަ އުފެއްދުމާއި ގައުމުގެ އަމަން ނަގާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި އެވެ.
މިތުހުމަތުތަކަކީ ތަހުގީގުކޮށް ނިންމުމަށް ފަހު މިހާރު ކޯޓު ގާސިމާއި ދެކޮޅަށް ހިންގަމުންދާ ޝަރީއަތުގައިވެސް ތުހުމަތު ކުރާ ކަންކަމެވެ.
ފުލުހުން މ.ވިލާ ބަލާ ފާސްކުރުމަށް ފަހު ދިޔުމުން ނޫސްވެރިންނަށް މަުއުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އޭނާގެ އެއްވެސް އިމާރާތަކުން ފުލުހުން އެ ތުހުމަތު ކުރި އެއްޗެހި ފެނިފައިނުވާކަމަށް ބުނިކަމަށެވެ. އަދި ފުލުހުން ބަލާ ފާސްކުރުމަށް ދިއުމުން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ގެކޮޅު ހުރި ސަރަހައްދު ފުލުހުްނ ބަންދުކޮށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވަނީ އޭނާގެ ގާނޫނީ ވަކީލަކަށް އެކަންޏެވެ. އެ ގޭގައި ދިރިއުޅޭ ގާސިމްގެ ދަރިންނަށްވެސް ގެއަށް ވަނުމުގެ ހުއްދަ ފުލުހުން ދީފައެއް ނުވެ އެވެ.
"އަޅުގަނޑު ވާނީ ފުރިހަމައަށް އެއްބާރުލުން ދީފަ. ހުރިހާ ތަނެއްބަލާފަ ދަމުން އެ ދިޔައީ ސޮއި ކުރުވާފައި ލިޔުމެއްގައި އެ ލިޔުމުގައި އޮތީ އެއއްވެސް އެއްޗެއް ނުފެންނަ ކަމަށް. ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަށޤ އަޅުގަނޑުގެ ދަރިންނަށްނުވަދެވޭނޭ ބުނީމަ އެކަމަށް އިހުތިރާމު ކުރާނަން. އެއީ މައްސަލައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު ފުލުހުން ގާސިމް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުވަހު އެދުނެވެ. އެކަމަކު ކޯޓުން ވަނީ އެ އަމުރު ދިނުމަށް ދެކޮޅު ހަދާފައި އެވެ.
ދެން ޝަރިއަތުގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް