ލަންކާގައި ކުނި ފަރުބަދައެއް ފޭބި ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފި

އަވައްޓެރި ސްރިލަންކާގެ ކުނިގޮނޑެއްގައި ހުރި ކުނި ފަރުބަދައެއް، ކުނިގޮނޑާއި ކައިރީގައި ހުރި ގެތަކުގެ މައްޗަށް ފައިބާ ހިނގި ހާދިސާގާއި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ. މީގެތެރޭގައި ފަސް ކުޑ...

16 Apr 2017 | 09:48

އަވައްޓެރި ސްރިލަންކާގެ ކުނިގޮނޑެއްގައި ހުރި ކުނި ފަރުބަދައެއް، ކުނިގޮނޑާއި ކައިރީގައި ހުރި ގެތަކުގެ މައްޗަށް ފައިބާ ހިނގި ހާދިސާގާއި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.

މީގެތެރޭގައި ފަސް ކުޑަކުދިންވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. މިހާދިސާ ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ގާތްގަނޑަކަށް 300 ފޫޓް އުސް މި ކުނި ފަރުބަދަ ފައިބަން މެދުވެރިވީ ކުނިގޮނޑުގައި ފެންހެދި ދިޔާވުމުންނާއި، ކުނި ގޮނޑުގައި ރޯވުމުގެ ސަބަބުންކަމަށް ބެލެވެއެވެ. މި ހާދިސާގައި ކުނިގޮނޑާއި އިންވެގެންހުރި 40 ވަރަކަށް ގެ އެއްކޮށް ސުންނާފަތި ވެފައިވެއެވެ.

މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި އެވެ. ބީބީސީއަށް މަޢުލޫމާތު ދެމުން ލަންކާގެ އިމާޖެންސީ އޮފިޝަލަކު ބުނީ 20 ވަރަކަށް މީހުން އަދިވެސް ވެއްޓިފައިވާ ގެތަކުގެ އަޑީގައި އޮވެދާނެ ކަމަށެވެ. އޭއެފްޕީ ނިއުސް އެޖެންސީއާއި ވާހަކަދެއްކި އެހެން އިމާޖެންސީ އޮފިޝަލަކު ބުނީ މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ކުނިގޮނޑުގައި އަލިފާން ރޯވުމުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާއި މީހުން ގޭގޭގައި ތިބި ކަމަށް އޭނާ ބުނިއެވެ. ކުނި ފަރުބަދަ ފޭބީ އަލިފާނުގެ ޙާދިސާ ހިނގިތާ ދެ ގަޑިއުރު ފަހުންނެވެ.

އޭއެފްޕީ އިން ރިޕޯޓްކުރާ ގޮތުގައި ކޮންމެ ދުވަހަކު ލަންކާގެ ކޮލޮންބޯގައި ހުންނަ މި ކުނިގޮނޑަށް 800 ޓަނުގެ ކުނި އަޅައެވެ. އަދި ލަންކާގެ ސަރުކާރުން އެތަން ހުސްކުރަން ކުރިން ރާވާފައި އޮތްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ލަންކާ ސަރުކާރުގެ އިސް ވަޒީރެއްކަމަށްވާ ހަރްޝާ ދި ސިލްވާ ވިދާޅުވީ އެ ކުނިގޮނޑު މިހާރު ބަންދުކޮށް، އެތަނަށް ކުނި އެޅުން މަނާކޮށްފައިވާކަމަށެވެ. ކުނި އެޅުމަށް މިހާރު އިތުރު ދެ ސަރަޙައްދެއް ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ސަރައްޙަދުގައި މިވަގުތައް މީހުން ދިރިއުޅެން އެހާ ރައްކާތެރި ނޫންކަމަށް ފެންނާތީ އެ ހިސާބުގައި ދިރިއުޅޭ ރަށްވެހިން ރައްކާތެރިސާބުތަކަށް ބަދަލުވުމަށް އަންގަވާފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ލަންކާގައި ސިންހަލަ މީހުންގެ އައު އަހަރު ފާހަގަކުރަމުން ދަނިކޮށެވެ.

(ބީބީސީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް