ދީނާ ޚިލާފު ޙިޔާލުތަކެއް ފޭސްބުކްގައި ޢާންމުކުރިކަމަށް ބުނެ ޕާކިސްތާންގެ ޔުނިވާސިޓީއެއްގައި ދަރިވަރަކު މާރާލި ހާދިސާ އަޑުއެހީ ފުން ހިތާމައާއި ހައިރާންކަމާއެކު ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑު ވަޒީރް ނަވާޒް ވިދާޅުވީ ޤާނޫނީ އަދަބުތައް ދިނުން އޭއީ ރައްޔިތުންގެ އަތްމަތީގައި އޮންނަކަމެއް ނޫން ކަމަށާއި މިފަދަ އަމަލުތައް ތަޙައްމަލު ނުކުރެވޭނެކަމަށެވެ. ނަވާޒްވަނީ މިއަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޕާކިސްތާނުގެ މަރްދާން ޔުނިވާރސިޓީގައި ނޫސްވެރިކަން ކިޔަވަމުންދިޔަ އުމުރުން 23 އަހަރުގެ، މަޝާލް ޚާން އަށް އަނިޔާކޮށް މަރާލާފައިވަނީ ޔުނިވާރސީޓީގެ އެތެރޭގައި ގިނަ ބައެއްގެ ކުރިމަތީގައެވެ. އޭނާއަށް އަނިޔާކުރި މީހުން ބުނީ މަޝާލް އޭނާގެ ފޭސްބުކް އެކައުންޓުގައި ދީނާ ޙިލާފު ވާހަކަތައް ޢާންމުކޮށްފައިވާކަމަށެވެ.
މަޝާލްއަށް އަނިޔާ ކުރުމަށްފަހު އޭނާ ގަޔައްވަނީ ބަޑިވެސް ޖަހާފައެވެ. އަދި ދަނޑިބުރި ފަދަ އެއްޗެހި ބޭނުންކޮށްގެން އޭނާއަށް އަނިޔާކޮށްފައިވެއެވެ.
މަޝާލްއަށް އަނިޔާކުރަމުން ދިޔައިރު ޕާކިސްތާންގެ ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާ އެ މަންޒަރު ބަލަން ތިބިކަމަށް ފުލުހުންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ފުލުހުން މި ތުހުމަތުވަނީ ދޮގުކޮށްފައެވެ. އަދި ފުލުހުން އެ ސަރަޙައްދައް ދިޔުމުގެ ކުރިން މާޝަލް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މިހާތަނަށް މި ހާދިސާގައި ތުހުމަތު ކުރެވޭ 12 މީހަކުވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހުން ހޯދުމުގެ މަސައްކަތް ޕާކިސްތާނު ފުލުހުން ދަނީ ކުރަމުންނެވެ.
މަންޒަރުދުށް ބައެއް މީހުން މީޑިއާއަށް މަޢުލޫމާތުދެމުން ބުނީ މަޝާލް ގެންގުޅޭ ތަފާތު ފިކުރުގެ ސަބަބުން، އޭނާ މަރާލި ދުވަހު ކުލާސް ތެރޭގައި ދެންތިބި ދަރިވަރުންނާއެކު ބޮޑު ބަހުސެއްވެސް ކުރިއަށް ދިޔަކަމަށެވެ.
ރޮއިޓާސް އަށް މަޢުލޫމާތުދެމުން މަޝާލްގެ ބައްޕަ، އިޤްބާލް ބުނީ އޭނާގެ ދަރިފުޅުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ދޮގު ތުހުމަތެއްކަމަށެވެ. ފުރަތަމަ އެމީހުން އޭނާގެ ދަރިފުޅު މާރާލީ ކަމަށާއި، މިހާރު އެމީހުން މަޝާލްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެކަމުން ސަލާމަތްވުމަށް ދައްކާ ބަހަނާއެއްކަމަށްވެސް އިޤްބާލް ބުނިއެވެ.
ޕާކިސްތާނުގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެތައް އެކްޓިވިސްޓުން މަޝާލްގެ މަރުގެ ހާދިސާ ކުއްވެރިކޮށް އިއްޔެވަނީ މުޒާހަރާއެއްވެސް ކޮށްފައެވެ. އަދި މިކަމުގައި އަދަބު ލިބެންޖެހޭ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް ކާމާބެހޭ ފަރާތްތަކަށްވަނީ މުޒާހަރާގެ ބައިވެރިން ގޮވާލާފައެވެ.
މީގެ އިތުރުން ޕާކިސްތާނުގެ އަންހެންކުދިންގެ ތަޢުލީމަށް މަސައްކަތްކުރާ އެކްޓިވިސްޓް އަދި އެންމެ ހަގު އުމުރުގައި ނޯބަލް ޕްރައިޒް ހޯއްދެވި މަލާލާ ޔޫސުފް ވެސް ވަނީ މި ހަދިސާ ވަރަށް ބޮޑަށް ކުއްވެރިކޮށް، މާޝަލްއަށް އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލާފައެވެ.
ދީނާ ޚިލާފު ޙިޔާލުތައް ޢާންމުކުރުމަކީ ޕާކިސްތާނުގައި ވަރަށް ނުރައްކާތެރި ހާދިސާތައް މެދުވެރިވާ ކަމެކެވެ. އަދި ޕާކިސްތާނުގެ ދީނާ ޚިލާފު ޙިޔާލުތައް ގެންގުޅުމުގެ ޤާނޫނުގެ ދަށުން މަރުގެ އަދަބުވެސް ދެވެއެވެ. 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދީނާ ޚިލާފު ޙިޔާލުތައް ޢާންމުކޮށްގެން 65 މީހުން ޕާކިސްތާންގައި މަރާލާފައިވެއެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް