އެކި ސަބަބުތަކާއި ހެދި ޝޫޓިން ލަސްވަމުން އަންނަ ބޮލީވުޑްގެ ފިލްމު "ޕަދްމަވަތީ"ގެ ޝޫޓިން އަނެއްކާވެސް ކޮންމެސް ވަރަކަށް ލަސްވާ ގޮތްވެއްޖެ އެވެ.
މިފަހަރު މުޅި ފިލްމުގެ ޝޫޓިންއެއް ނޫނެވެ. ފިލްމުގެ ލީޑް ރޯލް ކުޅޭ ދިޕިކާ ޕަދުކޯންއަށް ދިމާވި ސިއްހީ މައްސަލައަކާއި ގުޅިގެން އޭނާ ވަނީ ދުވަސް ކޮޅަކަށް ޝޫޓިން އާއި ދުރައްދާންޖެހިފައި އެވެ.
ދިޕިކާގެ ތަރުޖަމާނު މީޑިއާގައި ބުނެފައިވަނީ ދިޕިކާ އުޅޭނީ ވަރަށް ބޮޑަށް ކަރުގައި ރިއްސާތީ ކަމަށާއި ޑޮކްޓަރު އޭނާއަށް އަރާމު ކުރުމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ފިލްމު "ޕަދްމަވަތީ" ގައި އަޅަންޖެހޭ ބަރު ގަނަހާނާތަކާއި ބަރު ހެދުންތައް ހާލަތު ހުރި ގޮތުން ލެވެން ނެތުމުން ޝޫޓިން އާއި ދުރަށް ދިޔައީ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް ފިލްމުގެ ޓީމާއި ދިޕިކާ ގުޅޭނެ ކަމަށް ތަރުޖަމާނު ބުނެފައިވެ އެވެ.
މީގެ ކުރިން ފިލްމު ޝޫޓް ކުރުންވަނީ ދެ ފަހަރެއްގެ މަތިން ހުއްޓާލަން ޖެހިފައި އެވެ. އެއީ ޝޫޓިން ކުރިޔަށްދިޔަ ރާޖްޕުޓްގެ ބަޔަކު ފިލްމާއި މެދު ހިތްހަމަ ނުޖެހިގެން ސެޓަށް ގޮސް ހަމަނުޖެހުން ހިންގުމުންނެވެ. އަދި ފަހުން ބަޔަކު ސެޓުގައި ރޯކޮށްލައި ކްރޫއިންނަށް ހަމަލާ ދިނުމުން ޝޫޓިން މެދުކަނޑާލަން ޖެހުނެވެ.
ޑައިރެކްޓަރު ސަންޖޭލީލާ ބަންސާލީ ވަނީ އެ ހަމަނުޖެހުންތަކާއި ގުޅިގެން މުމްބާއީއަށް ޝޫޓިން ބަދަލުކޮށްފައި އެވެ. އަދި ހަމަނުޖެހުން ހިންގި މީހުން ރުޅި އައިސްގެން އުޅުނު އެއްވެސް މަންޒަރެއް ނުހިމެނޭ ކަމަށް ބުނެފައި އެވެ.
މި ފިލްމަކީ އިންޑިއާގެ ތާރީހުގައި ހިނގާފައިވާ ކަމަކަށް ތައްޔާރު ކުރާ ފިލްމެކެވެ. އެމީހުން ރުޅިއައީ އެ ފިލްމުގައި ގައިގޯލި މަންޒަރުތަކެއް ހިމަނާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް