ބޮލީވުޑްގެ ކިންގް ހާން ކަމަށްވާ ޝާރުކް ހާންގެ ފިލްމެއް ފްލޮޕްވެ ނުވަތަ އެކަށީގެންވާ ވަރަށް ނުހިނގައިފި ނަމަ ވަރަށް ދެރަވާ ކަމަށް އޭނާ ބުނެފި އެވެ.
ހަފްތާ ބަންދުގައި އެމެރިކާގައި ބޭއްވި ސަން ފްރެންސިސްކޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލަށް 60 އަހަރު ފުރުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ޝާރުކް ބުނީ އެހެން ތަރިންނެކޭ އެއްގޮތަށް އޭނާގެ ބޮލީވުޑް ހަޔާތުގައިވެސް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެފަދަ ކޮންމެ ވަގުތެއްގައި ފާހާނާއަށް ވަދެ ދޮރު ތަޅުކައިގެން އިނދެ ރޯލަނީ ކަމަށް ޝާރުކް ބުންޏެވެ.
އޭނާ ބުނީ އެކަނި އިނދެ ރޮއެލުންވެސް އެންމެ ރަނގަޅު ކަމަށާއި ދިރިއުޅުމުގެ ހަގީގަތަކީ ކާމިޔާބާއި ނާކާމިޔާބު ކަމަށެވެ. އަދި ކާމިޔާބު ވާނީ ގިނަ ދުވަހުގެ ބުރަ މަސައްކަތުން ކަމަށް ޝާރުކް ބުންޏެވެ.
އެ ހަފްލާގައި ޝާރުކް ބައިވެރިވީ ހާއްސަ މެހެމާނެއްގެ ގޮތުގައި އެވެ. އަދި ޝަރުކް ހާން ލީޑްރޯލް ކުޅެފައިވަނީ "މައި ނޭމް އިޒް ހާން"ގެ ބައެއް ވަނީ އެ ފެސްޓިވަލްގައި ދައްކާލާފައި އެވެ.
ޝާރުކް ހާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފްލޮޕްވެފައިވާ ފިލްމުތަކުގެ ތެރޭގައި 1996 ވަނަ އަހަރު ރިލީޒް ކުރި "ޗާހަތް"، 2002 ވަނަ އަހަރު ރިލީޒްވި "ޝަކްތީ ދަ ޕަވާ" އަދި 1995 ވަނަ އަހަރު ރިލީޒްވި "އޯ ޑާލިން ޔޭހޭ އިންޑިއާ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް