ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އެއްމާ މޮރާނޯ އުމުރުން 117 އަހަރުގައި މަރުވެއްޖެ އެވެ. އިޓަލީގެ ރައްޔިތެއް ކަމަށްވާ މޮރާނޯ އުފަންވެފައިވަނީ ނޮވެމްބަރު 29، 1899 ގަ އެވެ. އޭ...

16 Apr 2017 | 02:29

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އެއްމާ މޮރާނޯ އުމުރުން 117 އަހަރުގައި މަރުވެއްޖެ އެވެ.

އިޓަލީގެ ރައްޔިތެއް ކަމަށްވާ މޮރާނޯ އުފަންވެފައިވަނީ ނޮވެމްބަރު 29، 1899 ގަ އެވެ. އޭނާއަށް ފަރުވާދޭ ފިޒީޝަން އާއި ހަވާލާދީ އޭޕީގައި ބުނެފައިވަނީ މޮރޯނޯ މަރުވެފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ.

އޭނާ ބުނީ މޮރާނޯ މަރުވީ މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ވަރަށް ބޮޑަށް ނެގި މަޑުކޮށް އުޅުމަށް ފަހު ކަމަށެވެ. އެގޮތުން ގިނަ ވަގުތު ނިދުމުގައި ހޭދަ ކުރި އިރު ހޭލާ ހުންނަ ވަގުތުތަކުގައި އިންނަނީ ވަރަށް މަޑުން ކަމަށެވެ.

މޮރާނޯ މަރުވި އިރު ދިރިއުޅެނީ ބޮޑުދައިތަ ކިޔާ ދެ ކުދިންގެ ކައިރީގައި އެވެ. އޭނާއަށް ފިރިހެން ކުއްޖަކު ލިބުނު ކަމަށްވެ އެވެ. އެކަމަކު އެ ކުއްޖާ ހަމަހުގައި މަރުވެފައިވާއިރު ކައިވެނި ކުރި ހަމައެކަނި މީހާ ކައިރިން ވަރިވީ އަނިޔާ ކުރާތީ ކަމަށް އޭނާ އޭޕީއަށް މީގެ ކުރިން ބުނެފައިވެ އެވެ.

މޮރާނޯގެ އާއިލާގެ އެހެން މީހުންގެ ވެސް އުމުރު ވަރަށް ދިގެވެ. އޭނާގެ މަންމަ މަރުވީ 91 އަހަރުގަ އެވެ. އަދި އޭނާގެ ބައެއް ކޮއްކޮމެން ވަނީ ގަރުނެއް ވަންދެން ދުނިޔޭގައި އުޅެފަ އެވެ.

މޮރާނޯ މަރުވުމާ ހަމައަށް ކަނީ ދުވާލަކު ދެ ބިހާއި ބިސްކޯދެވެ. ބިސްކޯދު ކާން ފެށީވެސް ވަރަށް ފަހުން ކަމަށް ފިޒީޝަން ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ އަކީ 1800 ގެ އަހަރުތަކުގައި އުފަންވި މީހުންގެ ތެރޭން ދުނިޔޭގައި ހުރި ހަމައެކަނި މީހާ އެވެ. އޭނާގެ އުފަންދުވަސް ފާހަގަ ކުރަން މިދިޔަ އަހަރު ނޮވެމްބަރު 29 ގައި ވަނީ ހަފްލާއެއް ބާއްވާފައި އެވެ.

އޭނާގެ އުފަން ދުވަހާ ދިމާކޮށް "ތިން ގަރުނު ދެކެފައިވާ އަންހެނާގެ" ނަމުގައި ބަޔޮގްރަފީއެއް ވަނީ ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް