ދިއްގަރު ދާއިރާގެ ޕީޕީއެމް ޓިކެޓަށް ފާރިޝް ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފި އެވެ. ފާރިޝްގެ ...

16 Apr 2015 | 14:33

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފި އެވެ.

ފާރިޝްގެ އިތުރުން ހަތަރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާފައިވެ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް ޓިކެޓުގައިވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 04:00 އަށް ހަމަވިއިރު، ކުރިމަތިލެއްވީ ފާރިސް މައުމޫނާއި މ. މުލަކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އިމްރާން އިސްމާއީލާއި މޫސާ ނަސީރު އަހުމަދު އަދި އެންވާރްމަންޓް މިނިސްޓަރުގެ ނާއިބް މުހައްމަދު ހާނިމެވެ.

ޕީޕީއެމުން ބައި އިލެކްޝަނުގައި ވާދަކުރާނެ ކެންްޑިޑޭޓަކު ހޮވުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ހިމެނޭނެކަމަށް އެ ޕާޓީން ބުނެފައިވަނީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި ޕާޓީގެ ފިކުރު ހިފެހެއްޓި މިންވަރާއި ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދީފައިވާ މިންވަރަށެވެ. އަދި ޕާޓީ އަށް ހިދުމަތް ކޮށްދީފައިވާ މިންވަރަށް ވެސް ބަލާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

އެގޮތުން ޝަރުތު ހަމަވާ ބޭފުޅުން 75 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދަން ޖެހެ އެވެ. އަދި އެ މިންވަރަށް އެކަކަށްވުރެ ގިނަ މީހުންނަށް މާކްސް ލިބިއްޖެ ނަމަ ކެންޑިޑޭޓެއް ހޮވާނީ ޕްރައިމަރީއަކުންކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ޖޫން ހަ ވަނަ ދުވަހެވެ.

އެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަދުވަހު ހުކުމް ކުރުުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް