ގައިދީންގެ އަތްތެރި މަސައްކަތްތައް ދައްކާލުމަށް ބާއްވާ އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން މިއަދު ނޭޝަނަލް އާރޓް ގެލެރީގައި ހުޅުވައިފިއެވެ.
2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި އެގްޒިބިޝަންގައި މިއަހަރު މާފުށި ޖަލާއި ހިންމަފުށީ އައްސޭރި ޖަލުގައި ތިބޭ ގައިދީންގެ މަސައްކަތްތައް ދައްކާލަން ބަހައްޓާފައި ވެއެވެ. މިއަދު ރަސްމީކޮށް ހުޅުވި އެގްޒިބިޝަން ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ އެވެ،
މިއަހަރުގެ އެގްޒިބިޝަންގައި ގައިދީން ތައްޔާރު ކޮށްފައިވާ އަތްތެރި މަސައްކަތްތައް، ކުރެހުންތައް އަދި ގައިދީން ހައްދާފައިވާ ބައެއް ތަރުކާރީ ގަސް، ބަގީޗާ ގަސްތައް އަދި ތަރުކާރީގެ ބާވަތްތައް ހުއްޓެވެ. މި މައުރަޒުގައި ބަހައްޓާފައިވާ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާއިރު ގަންނަ ތަކެތި ގެންދެވޭނީ އެގްޒިބިޝަން ނިމުމުންކަމަށް އެގްޒިބިޝަން އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ.
ނެޝަނަލް އާޓްގެލަރީގައި އެގްޒިބިޝަން ކުރިއަށް ދާއިރު ތަކެތި ދައްކާލުމަށް އެއްޗިއްސާއި ހަވާލުވެގެން ތިބެނީ ގައިދީންނެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ގައިދީންގެ ފުރިހަމަ ސެކިއުރިޓީ ޕްރިޒަން އޮފިސަރުން ބަލަހައްޓަމުން ދާނެކަމަށެވެ.
150 އެއްހާ ގައިދީން ތައްޔާރުކޮށްފައިވާ ޖުމްލަ 830 އައިޓަމް މި އެގްޒިބިޝަންގައި ދައްކާނެއެވެ.
މި އެގްޒިބިޝަން ހުޅުވިފައި ހުންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް