އިބްތިހާލަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ ދޮންކާފަ ހައްޔަރުކޮށްފި

ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިބްތި...

16 Apr 2015 | 10:59

ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިބްތިހާލުގެ ދޮން ކާފަ އިސްމާއިލް ރައުފް ހައްޔަރުކޮށްފި އެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް އްބްދުﷲ ސަތީހު ވިދާޅުވީ، އިބްތިހާލަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ އިސްމާއިލް ރައުފު ހައްޔަރުކޮށްފައިވާއިރު، ކޯޓުން ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ރައުފް ހައްޔަރު ކުރީ މިމަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

އެގޮތުން މިމަހުގެ ދެވަނަ ދުވަހު ރައޫފް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ސަތީހު ވިދާޅުވި އެވެ. އާފިޔާގެ ދޮން ބައްޕަ ރައުފަކީ މީގެ ކުރިންވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލާގައި ހައްޔަރުކުރެވުނު، އިސްމާއިލް ރައޫފް އަކީ މީގެކުރިންވެސް އޭނާގެ ދޮންދަރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން ވ. ކެޔޮދޫ ކޯޓުން ހަތަރު މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް އެޙުކުމް ތަންފީޒު ކޮށްފައިވާ މީހެއްކަން ފާހަގަކުރަން،" ސަތީހު ވިދާޅުވި އެވެ.

ސަތީހު ވިދާޅުވީ އޭނާ މީގެކުރިން އާފިޔާއަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގުން ހާމަވާ ކަމަށެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްތިހާލްގެ މަރުގެ ހާދިސާއި ގުޅޭގޮތުން ޝަތީހް ވިދާޅުވީ އިބްތިހާލް މަރުވީ އާފިޔާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް އިބްތިހާލަށް ދިނުމާއި ގުޅިގެން ކަމަށް އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރުންގެ ރިޕޯޓްތަކުންނާއި އާފިޔާގެ ވާހަކަތަކުން އެނގޭ ކަަމަށެވެ. އާފިޔާއަށް އިބްތިހާލް ލިބުނު ފަހުން އޭނާ ކައިވެންޏެއް ކޮށް އެ ކައިވެންޏަށް ދެކުދިން ލިބިފައިވާ ކަމަށާއި އިބްތިހާލް ދެކެ އާފިޔާ ފޫހިވެ އިބްތިހާލްގެ ކަންކަމުގައި އިހްމާލްވާން ފެށީ އޭގެ ފަހުންކަމަށް ތަހުގީގުގައި އޭނާ ބުނިކަމަށް ޝަތީހު ވިދާޅުވި އެވެ.

އަދި އެންމެބޮޑަށް އިބްތިހާލް ދެކެ ފޫހިވާން ފެށީ ރަކީދޫގެ ބައެއް މީހުން ކުރަމުންދިޔަ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ.

ޝަތީހް ވިދާޅުވީ އޭނާ މަރުވުމުގެ ކުރީ ދުވަހުގެ ހެނދުނު އޭނާއަށް ޖޫސްތައްޓެއް ދިން ގޮތަށް އެރޭ އާފިޔާގެ ފިރިމީހާ ގެއަށް އަންނަންދެން އިބްތިހާލް ހުރީ އެއްވެސް އެއްޗެއް ނުކައި ކަމަށެވެ. އަދި ވިދާޅުވީ އިބްތިހާލް މަރުވީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އާފިޔާ ހެނދުނު ހޭލި ގޮތަށް އޭނާއަށް އަނިޔާކޮށްފައި ބޭރަށް ގޮސް އައިސް އިބްތިހާލް ގޭގައި ބަނޑުވަތަށް އޮއްވާ ފެނިގެން އޭނާގެ ގައިގައި ޖެހިފަހުން ކަމަށެވެ.

ޝަތީހު ވިދާޅުވީ އިބްތިހާލަށް އެކި ގޮތްގޮތަށް އަނިޔާ ލިބެމުންދާ ކަން ދައުލަތުގެ މުއައްސަސާތަކަށް ވެސް ކުރިން އެނގިފައިވާ ކަމަށެވެ. ނަމަވެސް އިބްތިހާލް މަރުވުމާއި ހަމައަށް ދިޔައީ މިމައްސަަލާގައި މުއައްސަސާތަކަށްވެސް އެންމެ ރަނގަޅަށް ޒިންމާ އަދާކުރެވިފައި ނުވާތީ ކަމުގައި ވިދާޅިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް