ދިއްގަރު ދާއިރާގައި ވޯޓުލެވޭ މީހުންގެ ލިސްޓް ގެޒެޓްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓް ކޮށްފި އެވެ. ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ލިސްޓަށް ބަލާއިރު ދިއްގަރު ދާއިރާ...

16 Apr 2015 | 06:39

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓް ކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ލިސްޓަށް ބަލާއިރު ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 2555 މީހުން އެބަތިއްބެވެ. އެ ދާއިރާގައި ހިމެނެނީ ދިއްގަރާއި ރަތްމަންދޫއާއި މުއްޔެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 25 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ޖޫން ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނަށް ފަހު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރު ބާއްވަން ހަމަޖައްސާފައި ވަނީ ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ތާރީހު ކަމުގައިވާ ޖޫން މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އިންތިހާބުގައި ވާދަކުރަން ބޭޏުންވާ ފަރާތްތަކަށް މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލީ އިއްޔެއިން ފެށިގެންނެވެ.

ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޕީޕީއެމަށް ނިސްބަތްވާ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ.

އެމްޑީޕީއާ އަދާލަތުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަހްމަދު ނާޒިމް އުމުރަށް ޖަލަށް ލުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް