ރޮޒައިނާގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޕޮލިސް

މަޖިލީހަށް ދިއުމަށް ފުލުހުން ހުރަސް އަޅައިފިކަމަށްބުނެ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފުލުހެއްގެ ފޮޓޯ އާންމުކޮށްފައިވާތީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް...

16 Apr 2015 | 05:51

މަޖިލީހަށް ދިއުމަށް ފުލުހުން ހުރަސް އަޅައިފިކަމަށްބުނެ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފުލުހެއްގެ ފޮޓޯ އާންމުކޮށްފައިވާތީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ  އޭޕްރީލް 15 ވަނަދުވަހު ދަރުމަވަންތަ ސްކޫލުގައި ކުރިއަށްގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްއަކާ ގުޅިގެން އެ ސްކޫލްގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު ދުއްވާ އެއްޗެހި ނުވަދެވޭ ގޮތަށް ބަންދުކޮށް އެސަރަޙައްދުގައި ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓަމުންދަނިކޮށް، ޕްރައިވެޓް ކާރެއްގައި އައިސް ބިދޭސީއަކު އެ ސަރަހައްދަށް ވަންނަން އެދުމުން، އެ ސަރަހައްދުގައި ކުޑަކުދިން ހަރަކާތްތެރިވާ ޑްރިލް އެއް ކުރިއަށްދާތީ ނުވަދެވޭނެކަމަށް ބުނެފައިވާނެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އެ ކާރުން ފައިބާ ވަޑައިގެން ރައްޔިތުންގެ މަޖިލިސްގެއަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކާރުގައި ވަޑައިގަތުމަށް ވާނީ ފުރުޞަތު ދީފައިވާނެ ކަމަށެވެ.

އަދި އެވަގުތަކީ ފަޔަރ އިވަކްއޭޝަން ޑްރިލްއަށް ދަރުމަވަންތަ ސްކޫލް ކުދިން މަގު މައްޗަށް ނުކުންނަށް ތައްޔާރުވެފައިވާ ވަގުތެކަށްވުމުން، އެވަގުތު އެތަނުގައި އިސްކޮށްހުރި ޕޮލިސް އޮފިސަރަށް ޓޯކީން ގޮވައި ދަރިވަރުންގެ ހަރަކާތަށް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ކާރުކޮޅުގައި މަޖިލިސްކުރާގެއަށް ވަޑައިގަތުމުގެ ފުރުޞަތު ދެވިފައިވާނެ ކަމަށާއި އިސްކޮށް ހުރި ޕޮލިސް އޮފިސަރަށް ޓޯކީން ގޮވާ، ބަންދުކުރެވިފައިވާ ސަރަހައްދަށް ދުއްވާ އުޅަނދެއް ވައްދާކަމުގެ ސަމާލުކަން ގެންނަން ޖެހުނީ އެވަގުތަކީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10ގެ ދަރިވަރުން މަގުމައްޗަށް ކުއްލި ގޮތަކަށް ނުކުންނަށް ތައްޔާރުވަމުންދިޔަ ވަގުތެއްކަމަށްވާތީ ކަމަށެވެ.

ނަމަވެސް، ޢިއްޒަތްތެރި މެމްބަރު ވަނީ މަޖިލިސް ކުރާގެ ސަރަހައްދަށް ކާރުކޮޅުގައި ވެދެވަޑައިގަތުމަށްފަހު އެހެން މެމްބަރަކާއެކު ބަންދުކޮށްފައިވާ ސަރަހައްދަށް އަލުން އެނބުރި ވަޑައިގެން އެތަނުގައި ޤާނޫނީ ޒިންމާ އަދާކުރަމުންދިޔަ ފުލުސް އޮފިސަރުގެ ފޮޓޯ ނެގުމަށްފަހު އެ ފުލުސް އޮފިސަރަށް ބިރުދެއްކުމުގެ ނިޔަތުގައި ފޮޓޯއާއެކު ރައްޔިތުންނަށް ކަމުގެ އަޞްލު އޮޅޭނެހެން ރަނގަޅުނޫން މަޢުލޫމާތު ހާމަކޮށް ސޯޝަލް މީޑިއާގައި ފުލުސް އޮފިސަރުގެ ފޮޓޯ ޢާންމު ކުރައްވާފައި ވާކަމަށާއި މިހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރެއްގެ ކިބައިން ފެނިގެންދިޔަ މިޢަމަލު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންނަކީ މުޖުތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގެ ޤާނޫނީ ޒިންމާ އޮތް ފަރާތެއް ކަމަށެވެ. އަދި ވަކި ވަކި ފުލުހުންނަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ޢަމަލުތަކުގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ޒިންމާއާއި ވާޖިބު އަދާކުރުމުގައި ފަހަތަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އަދި މީގެ އިތުރުން ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފުލުހުން ކުރާ ކަންތައްތަކާމެދު ރައްޔިތުންގެ މެދުގައި ފުލުހުންގެ އިތުބާރު ގެއްލުވާލައި ފުލުހުންގެ ނަން ކިލަނބުކުރުމަށާއި ފުލުހުންނަށް ބިރު ދެއްކުމުގެ ނިޔަތުގައި ވަކި ވަކި ފުލުހުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އަދި އެހެންވެސް ގޮތްގޮތުން ފެތުރުމަކީ މޯލްޑިވްސް ޕޮލިސް ސަރިވިސް އިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމެއްކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް