އަޒޭ އަދި ޝިފާ ފެނިގެންދާ "އިމްތިހާން" – ވީޑިއޯކްލަބްގެ އާ ސީރީޒްގެ ޓީޒަރ ދައްކާލައިފި

މީޑިއާނެޓުގެ ސްޓްރީމިންގް ޕްލެޓްފޯމު ވީޑިއޯކްލަބުން އާ ސީރީޒެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ. "އިމްތިހާން" މި ސީރީޒްގެ ޓީޒަރ މިއަދު މިވަނީ ވީޑިއޯކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ބެލުންތެރި...

16 Mar 2025 | 16:50

މީޑިއާނެޓުގެ ސްޓްރީމިންގް ޕްލެޓްފޯމު ވީޑިއޯކްލަބުން އާ ސީރީޒެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ. "އިމްތިހާން" މި ސީރީޒްގެ ޓީޒަރ މިއަދު މިވަނީ ވީޑިއޯކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ބެލުންތެރިންނާއި ހަމައަށް ދައްކާލާފައެވެ. ފެމިލީ ޑްރާމާ ޖޮންރާގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ހުނަރުވެރި އެކްޓަރު އަދި ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރި އަބްދުﷲ މުޢާޒު (މުއާ) ގެ ޑައިރެކްޝަނެކެވެ.

މި ސީރީޒްގައި ދައްކުވައިދޭނީ އަފާ އަދި މިރުފާންގެ ވާހަކައެވެ. ކުޑައިރުއްސުރެން ގާތް މިދެ ރަހުމަތްތެރިން ލޯބީގެ ގޮތުން ގުޅި ސިއްރިޔާތުގައި ކައިވެނިކޮށް ދަރިފުޅާއެކު ހޭދަކުރާ ދުވަސްތަކުގައި ދިމާވާ އެކިއެކި ހާދިސާތައް މި ސީރީޒްގައި ފެނިގެންދާނެއެވެ. ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ބޮޑުވެ އަފާގެ ދިރިއުޅުން މާލެ ބަދަލުކުރަން ޖެހުމާއި ދެމީހުންގެ އަންހެން ދަރިފުޅުގެ ބަލިހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކިއެކި ކަންކަންވެސް ފެނިގެންދާނެއެވެ.

މި ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަފާގެ ރޯލުން މަގްބޫލު މޮޅު ފިލްމީ ތަރި މަރިޔަމް ޝީފާ އަދި މިރުފާންގެ ރޯލުން ފިލްމީ ދާއިރާގައި މަގްބޫލު ތަރި އަހްމަދު އަޒްމީލް (އަޒޭ) އެވެ. މި ދެ ތަރިންގެ އިތުރުން މި ސީރީޒްގެ އެހެނިހެން ރޯލުތަކުން ޓިކްޓޮކްގައި ގިނަ ދިވެހިންގެ މަގްބޫލުކަން ހޯދި ތަރި މުޙައްމަދު އިޝްފާން، ޝަހީދާ އަޙްމަދު (ޑޯރާ) އަދި އައިޝަތް ލައިޝާ ލަތީފް ފެނިގެންދާނެއެވެ.

މި ސީރީޒްގައި ޖުމްލަ 10 އެޕިސޯޑު ހިމެނޭނެއެވެ. މި ސީރީޒްގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ވީޑިއޯކްލަބުން މައުލޫމާތުދެއެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާރވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒް އަދި އެހެނިހެން ދިވެހި ސީރީޒްތަކުގެ އެޕިސޯޑުތަކާއި ފިލްމު ބަލާލެވޭނެއެވެ. އަދި އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މި ސީރީޒް ބަލާލެވޭނެއެވެ. ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ އަށް ނަގާލުމުން ބަލާލެވޭނެއެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް