ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އުނިކަން އަތުވެދާނެފަދަ ކަންކަން ނުކުރުމަށް އީސީން ހަނދުމަކޮށްދީފި

ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ކެމްޕޭނު ކުރިއަށްގެންދާއިރު އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ ކަންކަން ނުކުރުމަށް އިލެކ...

16 Mar 2024 | 15:22

ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ކެމްޕޭނު ކުރިއަށްގެންދާއިރު އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދުމަކޮށްދީފިއެވެ.

އީސީއިން މިކަން ހަނދުމަކޮށްދީ އާންމުކޮށްފައިވާ ދެ ނޯޓިސްއެއްގައި ބުނފައިވަނީ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙއްޤަކަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެހެން ފަރާތަކުންކުރާނަމަ، އެކަމުގެ ޝަކުވާ ހުށަހަޅައި އެކަމެއް ހުއްޓުވައިދިނުމަށް އެދުމުގެ ޙައްޤު އެ ކެންޑިޑޭޓަކަށް ލިބިގެންވާކަމަށާއި މިފަދަ ކަންކަން ފާހަގަކުރެވޭނަމަ، ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހެޅުއްވުމަށް ދަންނަވަން. އަދި ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

"އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ)ގައި – އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ އެއްވެސްކަމެއް ކޮށްގެންނުވާނެކަމަށް ބަޔާންކޮށްފައިވޭ." އީސީއިން ބުނެފައިވެއެވެ.

ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024 ގެ 24 ވަނަ މާއްދާގެ (ހ)ގެ 7ވަނަ ނަންބަރުގައި، ތާޢީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާޢީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާޢީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް ގެއްލުންދީގެން ނުވާނެކަން ބަޔާންކޮށްފައިވާކަންވެސް އީސީއިން ހަނދުމަކޮށްދީފައިވެއެވެ.

އީސީއިން މިކަންކަން ހަނދުމަކޮށްދީފައިވާއިރު މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ހަރުކޮށްފައިހުންނަ ޕޯސްޓަރުތަކަށް ގެއްލުންދޭ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް