ކުރުވާހަކަ: ބޭކާރު

އަހަރެންނަށް ދުނިޔެ ފެންނަނީ އަބަދުވެސް ގުޑުގުޑެއް އަޅާތީއެވެ. ކޮންމެ އެއްޗެއްގައިވެސް ތުރު ތުރެއް ހުރެއެވެ. ބޮޑަށް ހީވަނީ، ޓިއުންގެއްލިފައިވާ ޓީވީ ސްކްރީނަކުން ފެންނަ މަންޒަރެއް ހެންނެވެ. އަބަދުމެ އަ...

16 Mar 2024 | 06:46

އަހަރެންނަށް ދުނިޔެ ފެންނަނީ އަބަދުވެސް ގުޑުގުޑެއް އަޅާތީއެވެ. ކޮންމެ އެއްޗެއްގައިވެސް ތުރު ތުރެއް ހުރެއެވެ. ބޮޑަށް ހީވަނީ، ޓިއުންގެއްލިފައިވާ ޓީވީ ސްކްރީނަކުން ފެންނަ މަންޒަރެއް ހެންނެވެ. އަބަދުމެ އަހަރެންގެ ލޮލުގެ އެސްފިޔަތަށް ހުންނަނީ ބަރުވެފައެވެ. ނިދިޖެހޭ ގޮތް ވެފައެވެ. އަހަރެން ހާދަ ނިދަން ބޭނުމެވެ. އެކަމަކުވެސް ނުނިދެއެވެ. ހަމަނިންޖަށް ޖެހިލާއިރަށް ސިހިގެން ދަނީއެވެ. ތާއަބަދުމެ ހީވަނީ އަނދަ އަނދާހުރި އަލިފާންގަނޑެއްގެ ތުންފަތް މަތީގައި ހުރެވޭ ހެންނެވެ.  ހަމަ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ.

އަހަރެންގެ ހިތަށް އަރައެވެ. ދުނިޔޭގައި އެހެން މީހުން އެއުޅެނީ ކިހިނެއްބާވައެވެ. އެމީހުން އެއުޅެނީ ހާދަ އުފަލެއްގައެވެ. ރީތި ގެތަކުގައެވެ. އަގު ބޮޑު ފޯނު ހިފައިގެން ސައިކަލާއި ކާރުގައެވެ. އަހަރެންނާއި އެކު ކިޔެވި އަހަރެންނާއި އެއްފުރާގެ ކުދީންވެސް މެއެވެ. އެމީހުންގެ އުފާވެރި ދިރިއުޅުން ފެނިފައި އަހަރެންނަށް ހަސަދަވެރި ވެވެއެވެ. އަމިއްލަ ނަސީބާއި މެދު ޝަކުވާ ކުރެވެއެވެ. އެމީހުން މަތީމަޤާމުތަކުގައި ތިބެ ކޯޓު ފަޓުލޫނުލައިގެން ޓީވީތަކަށް އަރައި އެހެން މީހުނަށް ގޮތް ކިޔައިދޭ އިރު އަހަރެންނަށް ދަތްކުނޑި ވިކެނީއެވެ. އަމިއްލަ ނަފުސަށްވެސް މަލާމާތް ރައްދު ކުރެވެނީއެވެ.

އަހަރެންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭނޭ މަޔަކު ބަފަޔަކު ނެތުމަކީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިންނާއި އެކު އަލިފާންފޮއްޓެއް ވަރުގެ ދަތި އެންމެ ކޮޓަރިގަނޑެއްގައި އުޅެ ބޮޑުވާންޖެހުނީ އަހަރެންގެ ސަބަބުން ހެއްޔެވެ؟ މަގުމައްޗަށް ގިނަވެ، މަސްތުވާތަކެތީގެ އަވަގައިޖެހި މުޅި ދިރިއުޅުން ހަފުސްވެ މިދަނީ އަހަރެންގެ ހިއްވަރު ނެތިގެން ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ހާދަ ހިއްވަރެއް އެބަކުރަމެވެ. މިމަސްތީ ދުނިޔެއިން ނުކުންނާށެވެ. ހަމަބިމުގައި ހިނގައިލާށެވެ. އެހެން މީހުން އެއުޅޭފަދަ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. އެކަމަކުވެސް އެކަން ނުވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ މަސްތުގައި މެރެމުން މިދާ ދެލޯ ހުޅުވައިދޭނޭ މީހަކު ނެތީއެވެ. މިމަސްތީ ދުނިޔެއިން ނުކުންނަށް އަހަރެންގެ އަތުގައި ހިފައިދޭނޭ މީހަކު ނެތީއެވެ. ކޮންމެ މީހަކުވެސް އަހަރެން ކޮއްޕައި ދުރަށްލީއެވެ. ނުވަތަ އެމީހުން ބޭނުން ނާޖާއިޒް މަންފާއެއް ހޯދުމަށް ހަތިޔާރަކަށް ހަދަނީއެވެ. މިއީ ހާދަ ބޭވަފާތެރި ދުނިޔެއެކެވެ.

އަހަރެން ގިނައިން އުޅެނީ މަގުމަތީގައެވެ. ގެއަށް ވަނުމުގެ ބޭނުމެއްވެސް ނެތީއެވެ. އެއީ ގެއަކަށް ވުރެ ބޮޑަށް ނަރަކަ އެކެވެ. ޖަލުގޮޅިވެސް އަހަރެންނަށް އެއަށްވުރެ ފަސޭހައެވެ. ގެއަށް ވަނަސް ކާއެތިކޮޅެއް ދޭނެ މީހަކު ނުވާނެއެވެ. ތާކު އިށީނދެލިޔަސް ކޮންމެވެސް އެހެން މީހަކަށް އުނދަގޫވާތީ ޖެހޭނީ ތެދުވާށެވެ. ގޭތެރެއަކު އަހަރެން ހަށިގަނޑު ދަމާލައި އޮށޯންނާނެ ތަންކޮޅެއް ނޯންނާނެއެވެ. ބަދިގޭ ތަޅުންގަނޑު ނޫނީއެވެ. އެތަންކޮޅުވެސް ލިބޭނީ އެންމެ ނިދައި ފައިހިލަވަޅު އޮބުނީމައެވެ.

އަހަރެން ބޯކަށް ބޭނުމެއް ނޫނެވެ. އެކަމަކު ނުބޮއެއް ނުހުރެވެއެވެ. އެކަނިވެރިކަމާއި ހާސްކަން ފިލުވާނޭ އެހެން މަގެއް އަހަރެންނަށް ފެންނަށް ނެތީއެވެ. ވައްކަމެއް ކުރާކަށް މީހެއްގެ ގައިގައި ތަޅައިގަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ލާރިއެއް ބޭނުންވީމާ ނުވަތަ މަސްތުވާނެ އެތިކޮޅެއް ބޭނުންވީމާ އަހަރެން ދަނީ އެބަހާ މީހުންގެ ގާތަށެވެ. އެމީހުން ބުނާ މީހެއްގެ ސައިކަލެއް ހަލާކުކޮށްލައިދެނިކޮށް، ނުވަތަ މީހަކަށް އިންޒާރުދީ ބިރެއްދައްކާލަނިކޮށް އެމީހުންގެ ބޭނުމާއި އެކު އަހަރެންގެ ބޭނުންވެސް ފުދިދާނެއެވެ. އެއީ އަހަރެންގެ މަސައްކަތް ފެށިގެން އައިގޮތެވެ. އެކަމަކު މިއަދު އެހެނެއް ނޫނެވެ. އެމީހުން ބުނާ މީހުންވެސް މަރައިދޭން އެބަޖެހެއެވެ. އެކަމުގެ އަގަކަށް އަހަރެންނަށް ލިބެނީ ދެތިން ފަހަރަކު މަސްތުވެލާނެ އެތިކޮޅެކެވެ. އެހާވެސް އަހަރެންގެ އަގުދަށެވެ.

ޖަލުގޮޅީގައި އުމުރަށް ބާއްވާތޯވެސް އަހަރެން ހާދަ އާދޭހެއް ކޮށްފީމެވެ. އެކަމަކުވެސް ކޮންމެ މައްސަލައެއްގައިވެސް ގެންގޮސް ބަންދުކުރާލެއް އަވަހަކަށް ދޫކޮށްލައެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގެ އަދަދު ސަތޭކައިން ގުނޭވަރަށް އަހަރެންގެ ބޮލުގައި އެބައޮތެވެ. މަރުގެ މައްސަލައެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގެ ދައުވާތައް އެބައޮތެވެ. މިހާރު ނިމުނު މައްސަލަތަކުގެ އަދަދުވެސް އަހަރެންނަކަށް ނޭނގެއެވެ. ދުވަހަކު ސާބިތެއް ނުވިއެވެ. އެކަމާއި އަހަރެންވެސް ހައިރާންވެއެވެ. ހަމަ އަހަރެން ނުކުރަމޭ ބުނީމާ އަހަރެންގެ ކޮޅަށް މައްސަލަ ނިމޭ ސަބަބެކެވެ. ދައުލަތަށް އަހަރެންނާއި ދެކޮޅަށް ހެކި ނުދެއްކޭ ސަބަބެކެވެ. ޗޮކެއް ކަނޑާލާފައި ނުވަތަ ކޯޓުން ނުކުންނަމުން ފުލުހުންނާއި ދިމާއަށް ތަމްބްސް ޑައުން ހަދާލާފައި އަހަރެންނަށް އާދެވޭ ގޮތެކެވެ.

ފުލުހުންވެސް މިހާރު ކޮންމެހެން އަހަރެން ހައްޔަރުކުރަން ނޫޅޭކަން އަހަރެންނަށް އެނގެއެވެ. މަސްތުގެ ހާލަތުގައި މަގުމަތީގައި އަހަރެން ހޫރެމުންދިޔަސް އަޅާ ނުލާތީއެވެ. ބައެއް ފަހަރު މަގުމަތީގައި މާއަޑުގަދަކޮށްލައިގެން އުޅޭއިރު ފުލުހުންގެ ކޮންމެވެސް މަރުކަޒަކަށް ގެންގޮސް ހިނދުކޮޅަކު ބައިންދާނެއެވެ. އަހަރެންނަށް ތަންދޮރު ވަކިވާވަރުވެއްޖެހެން ހީވީމާ ދޫކޮށްލާނެއެވެ.

އަހަރެންގެ ހިތަށްވެސް އަހަރައެވެ. މިއީ ދިރިއުޅެނީ ހެއްޔެވެ؟ ނުވަތަ ދިރި-ތެޅެނީ ހެއްޔެވެ؟ އާނއެކެވެ. ކޮންމެ މަޚުލޫޤެއްވެސް އޭގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ދިރިއުޅޭނެއެވެ. ކޮންމެވެސް ގޮތަކަށެވެ. އެއީ ކޮންމެހެން ރަނގަޅު އަބުރުވެރި ގޮތެއް ކަމުގައި ވާކަށް ނުޖެހެއެވެ.

އަހަރެން މުޅި ހުރިހާ ވަގުތެއް ހޭދަކުރަނީ މަގުމަތީގައެވެ. އަހަރެންގެ މުޅި މިލްކިއްޔާތު ހުންނާނީ ޖިންސްގެ ޖީބުގައެވެ. އެއީ އަހަރެންނަށް އެއެއްޗަކާއި ނުލައި ނޫޅެވޭ ތަކެއްޗެވެ. އެނޫން އެއްވެސް އެއްޗެއް އަހަރެންގެ މިލްކަކު ނުވެއެވެ.

ބަނޑުހައިވީމާ އަހަރެން ވަންނަނީ ގެކައިރީ ހޮޓަލަކަށެވެ. ހަމަ ވަންނަ އިރަށް އެއްކަލަ ހުސޭނު އައިއްޔޭ، އޭނާ ހުންނާނީ 24 ގަޑިއިރު ހަމައިން ނެއްޓިފައޭ މީހުން ބުނާއަޑު އިވޭނެއެވެ. އަހަރެން ވަދެ ގޮނޑީގައި އިށީނުމުގެ ކުރިން ވޭޓަރުން އަހަރެންގެ ކައިރިއަށް އަންނާނެއެވެ. ގެންނަންވީ ކޮންއެއްޗެއްތޯ އަހާނެއެވެ. އަހަރެން ބުނި ކޮންމެ އެއްޗެއް އެތަނުން ކާންލިބޭނެއެވެ. އެއަކަށް އަގެއްވެސް ދައްކާކަށް ނުޖެހޭނެއެވެ. ކީއްވެގެން ކަން އެނގޭހެއްޔެވެ؟ އެއީ ހޮޓަލުގެ ވެރިމީހާ އަހަރެންދެކެ ވާލޯތްބަކުން ނުވަތަ އުފެދޭ ހަމްދަރުދީއަކުން ކޮށްދޭ ކަމެއް ނޫނެވެ. އެއްދުވަހަކު ކާންނުދިނުމުން ތަށިތަކާއި މޭޒުތައް އުކާލައި މުޅިތަން އެފުއްމިފުށަށް ޖެހީތީއެވެ. ފުލުހުންނަށް ރިޕޯޓްކުރުމުން ގެންގޮސް އަނެއްދުވަހު ދޫކޮށްލުމާއި އެކު އައިސް އެއަށްވުރެ ބޮޑުވަރުކޮއްލީތީއެވެ. އެންމެ ރަނގަޅު ގޮތަކީ އެކައުންޓުގައި ޖަހާލާފައި ކާންދިނުން ކަމަށް ވާތީއެވެ.

ހޮޓަލުން އަހަރެން ކޭތަކެއްޗަށް އަރާފައި ވަނީ ކިހާ ފައިސާއެއްތޯވެސް އަހަރެން ނުބަލަމެވެ. ސޭޓުވެސް ނުބަލާނެ ކަން އަހަރެންނަށް އިނގޭތީއެވެ. އެހެންނޫނަސް ނުލިބޭނެކަން އެނގޭ އެއްޗެއްގެ ފަހަތަކުން ސޭޓުންވެސް ނުދުވާނެތާއެވެ.

ބަނޑުހައި ކަމުގެ އިހްސާސް އަހަރެންނަށް ކުރެވެނީ މަދުންނެވެ. މަސްތުގެ ދުނިޔެއަކީ ކެއުމެއް ބުއިމެއް ނެތް ދުނިޔެއެކެވެ. އަހަރެންގެ ހަށިގަނޑަށް ބަލާލިކޮންމެ މީހަކަށް އެކަން އެނގޭނެއެވެ. ހިކިއަނަރޫފަވެފައިވާ ވަރުންނެވެ. ދެކޭ މީހަކަށް އަހަރެން ސިފަވާނީ ކަށީގެ އޮނިގަނޑެއްގެ ގޮތުގައެވެ. ކަށީގައި ހަންތަތްވެފައިވާ ޤަބުރެއްގެ ސިފައިގައެވެ. އަހަރެންގެ ހެދުންވެސް ހީވާނީ ދަނޑިއެއްގައި އަޅުވާފައި ހުރިހެންނެވެ.

ގޭގެ ކައިރީގައި ދެމިސްކިތް ހުރެއެވެ. އަހަރެންގެ އުމުރުގައި ޖަލުގައި އޮތް ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު އެމިސްކިތްތަކުން ބަންގިގޮވާއަޑު އަހަރެންނަށް އިވެއެވެ. ޤުރުއާން ކިޔަވާއަޑު އިވެއެވެ. އެކަމަކު އެއަކުން އަހަރެންނަކަށް ދޭހައެއް ނުވެއެވެ. އެއީ މާނައެއް ނެތް އަޑުތަކެއްގެ ގޮތުގައި އަހަރެންގެ ކަންފަތަށް ވަދެ ނުކުމެގެން ދަނީއެވެ.

ވަރަށް ތުއްތު އިރު ބައްޕައާއި އެކު އަހަރެން އެމިސްކިތަށްދާ ހަނދާނެއް ވެއެވެ. އެކަމަކު މަންމަ ވަރިކޮށްލާފައި ބައްޕަ ދިޔަފަހުން އަހަރެން އެމިސްކިތަށް ގޮވައިގެން ދާނޭ މީހަކު ނުވިއެވެ. އެކަނި ދާން އެނގުނަސް އެތަނަށް ގޮސްގެން ވަނީ ކީއްކަން ނޭނގޭތީ ނުދެވުނީއެވެ. އެއާދަ ނުހިފުނީއެވެ. މަންމަގެ ހުރި ވިޔާނުދާ އުޅުމުގެ ތެރެއިން އަހަރެން ނޫނީ ދެން ދުނިޔެއަށް އުފަންވެފައި ތިބީ ހުސް ބަފައިކަށަވަރު ނުވާދަރީންނެވެ. އަހަރު ދެކޮޅު އަހަރެންގެ ހަގަށް މަންމަ 8 ކުދީން ވިހެއެވެ. ސްކޫލަށް ނުގޮސް ހުއްޓުނީ މަންމަޔަށްވެސް އަހަރެންނާއި އަޅައި ނުލެވުމުންނެވެ. ކޮއްކޮމެންނަށް ކާންބޯންދޭން އަހަރެންވެސް މަގުމައްޗަށް މަސައްކަތެއް ލިބޭތޯ ނުކުންނަށް ޖެހުމުންނެވެ. އެންމެ ދޮށީކުއްޖާއަށް ވުމުން އަހަރެންޖެހުނީ ނުވާ ދުވަހުން ބޮޑުވާށެވެ. މަންމަގެ އަދި ތިމާގެ އެހެން މީހެއްގެވެސް އެހީއެއް ނުލިބުނީމައެވެ.

އަހަރެންނަށް އެނގެއެވެ. އަހަރެންނަކީ، ދުނިޔެއަށް ގިނަވެ ބޭކާރުވެފައިވާ މީހެކެވެ. މިދުނިޔޭގެ ކަންކަން ހަނދާންނައްތާލުމަށް އަހަރެން ބޭނުން ކުރަންޖެހެނީ މަސްތުވާތަކެއްޗެވެ. އުފަލަކީ އެއީ އެވެ. އުފަލުގެ ދުނިޔެއަކީވެސް އެއީއެވެ. މަސްތުވާތަކެތީގެ އަޅުވެތިކަމުގައި އަހަރެންގެ ދިރިއުޅުން ހަފުސްވެއްޖެއެވެ. މަސްތީ ދުނިޔެއެއްގެ ތެރެއަށް ގެނބި ނަފްސާނީގޮތުން ބަލިކަށިވެ ލޮޑުވެއްޖެއެވެ. އެހީއެއްދޭނޭ އެހީއަކަށް އެދޭނޭ މީހަކުވެސް ނެތެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހެއްގެ އަމިއްލަ އެދުމެކެވެ.

ދުވާރުމަތީގައި އިށީނދެ އިންނައިރު މިސްކިތަށް އައިސް ގޮސްވާމީހުން އަހަރެންނަށް ފެނެއެވެ. އެތަނުގައި އެމީހުން ކުރަނީ ކީއްކަމެއް އެތަނުން އެމީހުނަށް ލިބެނީ ކޮން ހިތްހަމަޖެހުމެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެއްދުވަހަކު އަހަރެންވެސް މިސްކިތަށް އެރީމެވެ. އެހެން މީހުންވެސް އަރާތީއެވެ. އެކަމަކު ވީގޮތް އެނގޭ ހެއްޔެވެ؟ މިސްކިތުގެ މުދިމު އަހަރެން ކޮއްޕައި ނެރުނީއެވެ. ދެންތިބި ބަޔަކު ފައިވާނުން ތަޅައިގަތީއެވެ. އަހަރެން ހުރީ ލޯމެރި މެރިކަމުގައި ވީމައެވެ. މަސްތީ ދުނިޔޭގައި ކަމަށް ވީމައެވެ.

އަހަރެން ހެއްދެވި ރަސްކަލާނގެ އަހަރެންނަށް މިންވަރު ކުރެއްވި ގޮތަކީ މިއީ ބާވައޭ ހިތަށް އަރައެވެ. އަހަރެންގެ ކަލާނގެއަށް ޝަކުވާ ދަންނަވާނީ ކިހިނެއް ބާވައޭ ހިތައް އަރައެވެ. ޓީވީތަކުން އަހަރެން ޢިލުމުވެރީން ދެކެމެވެ. އެކަމަކު އެއިން މީހަކު އިންނަ މަޖިލީހެއްގައި އިށީނދެ އޮޅުން ފިލުވާލާނޭ ފުރުޞަތެއް އަހަރެންނަކަށް ނުލިބެއެވެ. އެހެން މީހުން އަހަރެން ބޭރު ކުރާތީއެވެ. ކޮއްޕައި ނެރެ ފޮނުވާލާތީއެވެ. އެހެންވީމާ، އަމިއްލަ ހަޔާތާއި މެދު ވިސްނައި ފިކުރު ކުރުމުގެ ބޭނުމެއް އަހަރެންނަށް ނެތީއެވެ.

މިއަދުވެސް އަހަރެން މިއިނީ، މަގުމަތީގައި އިށީނދެގެންނެވެ. އަހަރެންގެ ލޮލަށް ފެންނަނީ، ވަށައިގެންވާ މާހައުލު ތުރުތުރު އަޅާތީއެވެ. ބިންގަޑު ހެލެނީކީ ނޫނެވެ.އެއީ އަހަރެންގެ ހަޔާތާއި ޒަމީރަށް ތާއަބަދު އައިސްފައިވާ ޒަލްޒަލާއެވެ. ދެލޯ މެރިލާއިރަށް ކުއްލިއަކަށް ސިހިގެން ދެއެވެ. އަހަރެންނަށް އެނގެނީ އެވަރެވެ. އަނެއްކާވެސް ތަފާތެއް ނެތް އައުރެއަކަށް އިރު އޮއްސެނީ ކަމެވެ. އަހަރެންގެ ހަޔާތަށް މިނޫން ދުވަހެއްވެސް އަންނާނެ ކަމެވެ. "އެއީ އެތަނެއްގައި ދިރުމެއްވި، ކޮންމެ ތަނެއްގައި އުންމީދެއް" ވާނެ ފަދައިންނެވެ. އުންމީދެއް ނެތް އުއްމީދުތަކުން އަހަރެންގެ ހަޔާތް ފުރިފައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް