އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ އަގު އިތުރަށް ހެޔޮކޮށްފި

މިއަހަރުގެ ރޯދައާއި ދިމާކޮށް އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ އަދި އަލުވި ބަސ...

16 Mar 2023 | 17:39

މިއަހަރުގެ ރޯދައާއި ދިމާކޮށް އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ އަދި އަލުވި ބަސްތާގެ އަގާއި ބިސް ކޭހުގެ އަގު ވަނީ ފަސް ޕަސެންޓް ހެޔޮކޮށްފައި ކަމަށެވެ.

އެގޮތުން ކުރިން  170ރ އަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު ވަނީ 160ރ. އަށް ތިރިކޮށްފަ އެވެ.

އަދި  ކުރިން 250ރ. އަށް ވިއްކި އަލުވި ކިލޯއެއް މިއަދުން ފެށިގެން ވަނީ 240ރ. އަށް ހެޔޮކޮށްފައި ވާއިރު ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފަ އެވެ.

މިގޮތުން އެސްޓީއޯ އިން ބުނީ ހޯލްސޭލް އަގު އިތުރަށް ހެޔޮ ކުރީ ކަސްޓަމަރުންނަށް ވީ އެންމެ ހެޔޮ އަގުގައި ފަސޭހަކަމާ އެކު މި ބާވަތްތައް ރޯދަ މަހު ފޯރުކޮށްދިނުމަށެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި ބިސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ޒޯނުން، އިންވޮއިސް ކޮށްގެން ވަގުތުން ގަނެވޭނެ ކަމަށެވެ.

ހަމައެހެންމެ އެ ތަކެތި ރީޓެއިލްކޮށް މި ވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އަދި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

ރީޓެއިލް އަގުގައި ފިޔާ ކިލޯއެއް މިހާރު އެސްޓީއޯއިން ލިބެން ހުރީ 9ރ އަށް ކަމަށްވާއިރު އަލުވި ކިލޯއެއް ލިބެން ހުރީ 11 ރުފިޔާއަށެވެ. އަދި ބިހެއްގެ ރީޓެއިލް އަގަކީ 1.75 ރުފިޔާ އެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް