ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިންވެސްޓްމަންޓް ސްކީމެއްގައި ބައިވެރިވެގެން ގެއްލުން ލިބިފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލައި، ސީއެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލީ ސެކިއުރިޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކަމެއް ހުއްދަ ނެތި ނުކުރެވޭނެކަން ކުރިން އަންގާފައިވާނެކަން ހަނދާންކޮށްދީފައި އެވެ.
އެގޮތުން އެފަދަ ސްކީމެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަން ވަނީ އެދިފައެވެ.
އަދި އެފަދަ ޝަކުވާތަކެއް އެ އޮތޯރިޓީން މިހާރު ވެސް އަންނަނީ ބަލަމުން ކަމަށް ސީއެމްޑީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައިވާ ގޮތުން ސެކިއުރިޓީޒްގެ މާނައިގެ ތެރޭގައި ފައިސާއިން ފައިދާ ހޯދުމަށްޓަކައި އިންވެސްޓް ކުރުމާއި އެފަދަ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ.
ހަމައެހެންމެ، އެފަދަ މުއާމަލާތްތަކުގެ ތެރޭގައި އިތުބާރު ގެއްލޭ އަދި ނޭދެވޭ ކަންކަން ހުއްޓުވުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް