ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބައު އިމާރާތުގެ ބަދަލުގައި ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގި ޢިމާރާތަށް ބަދަލުކޮށް އެ ޢިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ގަލޮޅު ޕޮލިސް ކުރިން ހިންގަމުންދިޔައީ އަމީނީމަގުގައި ހުންނަ މާލެހިޔާގައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
ފުލުހުންބުނީ ކުރިން އެންސްޕާ ހިންގި ޢިމާރާތުގައި ގަލޮޅު ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސީ މާލެހިޔާގައި ހިންގަމުން ދިޔަ ގަލޮޅު ޕޮލިސް ޢިމާރާތް ވަރަށް ބޮޑަށް ބައުވެ، އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށްނުވާތީ، ގަލޮޅު ޕޮލިސް ހިންގުމަށް މާލެއިން އެކަށީގެންވާ ޢިމާރާތެއް ހޯދުމަށް އިޢުލާނުކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކަމަށެވެ.
އަދި މި ޢިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަކަށްކަމަށް ފުލުހުން ވިދާޅު ވެއެވެ.
ފުލުހުން ބުނީ މި ޢިމާރާތުގައި ފުލުހުންގެ ޚިދުމަތް ދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބަރހުޑް އޮފިސަރުން އެއް އިމާރާތަކުން މަސައްކަތްކުރަން ވަނީ ފަށާފައި ކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދާއި، ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންގެ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް