ބޭނކު އޮފް މޯލްޑިވްސް (ބީއެމެމްއެލް) އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ މިހާރު ނެގޭނެ ކަމަށް އެ ބޭންކުނ ބުނެފި އެވެ.
މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީވެސް ހިމެނޭނެއެވެ. އަދި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ވާނަމަވެސް ފެސިލިޓީއަށް އެދި ހުށައެޅޭނެއެވެ.
މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް، މުދާ ގަތުމަށް، ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދެވޭނެއެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ، އިސްލާމިކް ބޭންކިންގގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ)، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.
މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުޞޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.
އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭއިރު، ފައިނޭންސިންގ ފެސިލިޓީ ޕްރޮސެސްކުރުމަށް 5 ދުވަސް ނަގާނެއެވެ. ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔަރމަންޓް ޕެންޝަން (ރިޓަޔަރމަންޓް ޕެންޝަން ތެރޭގައި އިސްރަށްވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭނެ) އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއްވެސް ބަލައިގަނެވޭނެއެވެ.
ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއިން ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.
އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިންޓަރނެޓް ބޭންކިންގ އެޕްލިކޭޝަން ހުޅުވުމަށްފަހު: މޯ> އެޕްލިކޭޝަންސް> އިސްލާމިކް ފައިނޭންސިންގ ނަންގެވުމަށްފަހު ފޯމުގައިވާ ބައިތައް ފުރުމަށްފަހު ހުށަހަޅުއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް