ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިކަން ހާމަކޮށް ޖޭޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުން ނިންމާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރަން ކަމަށް ވާތީވެ، ރިޔާސީ އިންތިޚާބަށް ޖޭޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ހޮވާނީ، އެކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް ޖޭޕީން ބުނެފައި ވެއެވެ.
މިގޮތުން ޖޭޕީން ބުނީ އެ ޕާޓީގެ ހުރިހާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ފޮނުވާ ސިޓީއަކާއެކު، އެ މީހާގެ އައިޑީކާޑުގެ ދެފުށުގެ ކޮޕީ އާއި ވަނަވަރު، މި މަހު 30 ގެ ކުރިން ޖޭޕީގެ މައި އޮފީސް ކުނޫޒަށް ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް