މުވައްޒަފު އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނެގި، ބިމެއް ނުވިއްކާ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިމެއް އޮޅުވާލައިގެން ވިއްކަން އުޅުނު މުވައްޒަފަކަށް ފިޔަވަޅު އަޅައިފި އެވެ. އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މުވައްޒަފަފު މަސައްކ...

16 Mar 2023 | 08:38

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިމެއް އޮޅުވާލައިގެން ވިއްކަން އުޅުނު މުވައްޒަފަކަށް ފިޔަވަޅު އަޅައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މުވައްޒަފަފު މަސައްކަތް ކޮށްފައިވަނީ އަމިއްލަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން އެ ކުންފުނީގެ ބިމެއް ވިއްކަން ކަމަށެވެ. އެ އަމަލަކީ ހިޔާނާތާއި ރިޝްވަތުގެ އަމަލެއް ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ އެ މުވައްޒަފު ވަނީ އޮޅުވާލައިގެން އެ މީހާ އާއި މުއާމަލާތްކޮށް މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުވާފައި ކަމަށެވެ. އެކަން ފާހަގަ ކުރެވިގެން އެ ކުންފުނިން ފުރަތަމަ މުވައްޒަފު ހިންގާފައިވާ މުއާމަލާތްތައް ބެލުމަށް ފަހު މައްސަލަ އިތުރަށް ބެލުމަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް އެ ކޯޕަރޭޝަނުން ނުކުރާނެ ކަމަށެވެ.

އެ ކުންފުނީގެ ބިން ވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކުން ކަމަށް ބުންޏެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓަރ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި އަދި ބިން ވިއްކުމަށް ހުޅުވާނުލާނެ ކަމަށް ބުންޏެވެ.

މި މައްސަލަ އެޗްޑީސީން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައި އެވެ. އެކަމަކު އެ މުވައްޒަފު މަސައްކަތް ކުރީ ކޮން ތަނަކުން ބިން ވިއްކަން ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ. ހަމަ އެކަނި ބުނީ އެއްވެސް ބިމެއް ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެޗްޑީސީގެ މުވައްޒަފަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ބިމެއް ވިއްކީ ތިލަފުށިންނެވެ. އަދި އިތުރު ހިޔާނާތުގެ މައްސަލައެއްވެސް އެ ކޯޕަރޭޝަން ތެރޭގައި އުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ފްލެޓުތަކަށް ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާތަކެއް މުވައްޒަފަކު ނެގި މައްސަލައެއްވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް