ކުރިޔަށް އޮތް ރަމަޟާންމަހު ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އިން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
މިކަން ހާމަކޮށް އައިޖީއެމްއެޗުން ބުނީ، 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ހޮސްޕިޓަލުގެ ބައެއް ޑިމާޕްމަންޓްތަކުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށެވެ.
ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަންގެ ޚިދުމަތް ރަމަޟާންމަހު ލިބޭނީ ހެނދުނު 9 އިން ހަވީރު 4 ޖެހުމާއި ހަމައަށް ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.
އަދި ލެބޯޓްރީގެ ޚިދުމަތްތަކަށް ބަލާއިރު ޓެސްޓުތައް ހެދުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށާއި ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓުތައް ހެދުން ރަމަޟާންމަހު ކުރިއަށްދާނީ ރޭގަނޑު 8 އިން 10 ދެމެދު ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ އަލްޓްރާސައުންޑް ސްކޭން ހެދުމާއި ސީޓީ ސްކޭން ހެދުން ކުރިއަށްދާނީ ހެނދުނު 9 އިން މެންދުރުފަހު 3 އަކާއި ހަމައަށް ކަމަށެވެ.
އައިޖީ އެކްސްރޭ ނަގައިދިނުން ކުރިއަށްދާނީ ހެނދުނު 8 އިން މެންދުރުފަހު 3:30 އަށް ކަމަށާއި އެމް.އާރް.އައި ހެދުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 8 އިން ރޭގަނޑު 9 އަކާ ހަމައަށް ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
މީގެ އިތުރުން އީ.ސީ.ޖީ ހެދުމުގެ ޚިދުމަތް ހެނދުނު 8:30 އިން މެންދުރު 2:30 އަށް، އަދި ޕިޒިއޯތެރަޕީގެ ޚިދުމަތް ހެނދުނު 8 އިން މެންދުރު 2:30 ފޯރުކޮށްދޭނެ ކަމަށް އައި.ޖީ.އެމް.އެޗްއިން ހާމަކުރެއެވެ.
ރޯދަމަހު ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވީ ނަމަވެސް އެ ހޮސްޕިޓަލުން ބުނީ ޓްރޯމާ އެންޑް އިމަރޖެންސީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް