ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ރޭ ޖަރުމަންުގެ އައިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް މުބަރާތުގެ ކުއާޓާ ފައިނަލުން އިޓަލީގެ ނަޕޮލީން ޖާގަ ހޯދައިފިއެވެ.
މި ދެޓީމު ބައްދަލުކުރި ފުރަތަ ލެގުގެ މެޗުން ނަޕޮލީ 0-2 އިން މޮޅުވިއިރު، ރޭ ނަޕޮލީ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނަޕޮލީން ކާމިޔާބު ކުރީ 0-3 އިންނެވެ. މި ނަތީޖާތަކާއި އެކު ނަޕޮލީ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ 0-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ރޭގެ މެޗު ފެށިގެންވެސް ނަޕޮލީން ރަނގަޅަށް ކުޅުނުއިރު، މެޗުގެ ލީޑު އެޓީމުން ނެގީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މަޓެއޯ ޕޮލިޓާނޯ ނެގި ހުރަހަކުން ވިކްޓާ އޮސީމެން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލި ލަނޑުންނެވެ. މި ލަނޑާއި އެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނަޕޮލީން ނިންމާލިއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން އަށް ވަނަ މިނެޓުގައި ޖިއޮވާނީ ޑީ ލޮރެންޒޯގެ އެހީތެރިކަމާއި އެކު އޮސީމެން ވަނީ ލަނޑުޖަހާ ނަޕޯލީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ އޮސީމެން މި ސީޒަނުގައި ޖެހި 23 ވަނަ ލަނޑެވެ.
މެޗުގައި ނަޕޯލީގެ ފަހު ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. މިއީ ގޯލު އޭރިއާ ތެރެއިން ފްރެންކްފާޓުގެ ކުޅުންތެރިޔަކު ނަޕޮލީގެ ޒިއެލިންސްކީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ނަޕޮލީ ޖާގަ ހޯދިއިރު، މިއީ އެޓީމު މި މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ރައުންޑް އޮފް 16 މެޗުތަކުގެ ކުޅުން މިހާރު ނިމިފައިވާއިރު، ކުއާޓާފައިނަލުން ޖާގަ ހޯދި ޓީމުތަކަކަކީ ރެއާލް މެޑްރިޑް، ނަޕޯލީ، އޭސީ މިލާން، ބަޔާން މިއުނިކް، ބެންފީކާ، ޗެލްސީ، އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީ އެވެ. ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކުގެ މެދުގައި ގުރުނެގުން އޮންނާނީ މާދަމާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް