ޖަޕާނަށް ރެކްޓާ މިންގަޑުން 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ.
މި ބިން ހެލުން އައިސްފައިވަނީ ފުކުޝިމާ ނިއުކްލިއާ ކާރުހާނާ ހުންނަ ސަރަހައްދު ކަމަށްވާ އުތުރު އިރުމަތީ ކޮޅަށެވެ. އެ ސަރަހައްދަކީ މީގެ 11 އަހަރު ކުރިން ޖަޕާނުގެ ތާރީހުގައި އައި އެންމެ ބާރުގަދަ ބިން ހެލުން އައި ސަރަހައްދެވެ.
މިރޭގެ ބިން ހެލުމާއި އެކު ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ.
ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ބުނީ މިރޭ ޖަޕާނު ގަޑިން 11:36 ގައި އައި ބިން ހެލުމުގައި ދެ މިލިއަނަށްވުރެ ގިނަ ގެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިރަށް ޓޯކިޔޯގެ ހަތް ލައްކައަށްވުރެ ގިނަ ގެއާއި އުތުރު އިރުމަތީ ސަރައްދުން 156،000 އަށްވުރެ ގިނަ ގެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބިން ހެލުމާއި ގުޅިގެން މީހަކު މަރުވި ކަމެއް ނުވަތަ އަނިޔާއެއް ވި ކަމެއް އަދި ރިޕޯޓެއް ނުކުރެ އެވެ. އަދި ފުކުޝިމާ ކާރުހާނާ ސަރަހައްދަށްވެސް ބިން ހެލުމުގެ ފަހުން ލޮޅުމެއް އަންނަމުންދާ ކަމުގެ އިޝާރާތެއް އަދި ނުވެ އެވެ.
2011 ވަނަ އަހަރު ޖަޕާނަށް އައި ބިން ހެލުމުގައި 18،000 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް