ތަރުޖަމާނުގެ ވާހަކަތައް މާވިން އަށް ސާފުނުވެގެން ދައުވާ ނުއިއްވުނު

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް (މޭރީ) މަރާލި މައްސަލައިގައި ދައުލަތުން މަރުގެ ދައުވާ އުފުލާފައިވާ ފިލިޕީންސަށް ނިސްބަތްވާ އޭނާގެ ފިރިމީހާ، މާވިން އެސްވައ...

16 Mar 2022 | 14:13

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް (މޭރީ) މަރާލި މައްސަލައިގައި ދައުލަތުން މަރުގެ ދައުވާ އުފުލާފައިވާ ފިލިޕީންސަށް ނިސްބަތްވާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އަށް ހަމަޖައްސާފައި ހުރި ތަރުޖަމާނުގެ ވާހަކަތައް އޭނާއަށް ފަހުމުނުވެގެން، ދައުވާ އިއްވޭ ގޮތެއް ނުވިއެވެ.

މިއަދު ހެނދުނު 09:30 ގައި ކުރިއަށްގެންދިޔަ އެ މައްސަލައިގެ އަޑު އެހުމުގައި ތާވަލުކުރެވިފައި ވަނީ ދައުލަތުން ދައުވާ އިއްވައި، މާވިންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމެވެ.

އެހެންކަމުން ދައުލަތުން ދައުވާ އިއްވުމަށްފަހު ދައުވާ ސާފުވެއްޖެތޯ ޝަރީއަތުން ސުވާލުކުރުމުން މާވިން ބުނީ އޭނާއަށް ދައުވާ ސާފުވެއްޖެ ކަމަށެވެ.

ނަމަވެސް އެކަމާމެދު މާވިންގެ ވަކީލު ސުވާލުއުފައްދަވާ މާވިން އަށް ދައުވާ ސާފުވެއްޖެތޯ ކަށަވަރުކޮށްދިނުމަށް ޝަރީއަތުގައި އެދިފައި ވެއެވެ.

މީގެ އިތުރުން ދައުވާއިން މާވިން އަށް ސާފުވި ކަންކަން ކިޔައިދިން އިރު، ދައުވާގައި ބުނާ ކަންތައްތަކާ ތަފާތުތަކެއް ހުރިކަން ފާހަގަކުރެވުމުން ދައުލަތުގެ ވަކީލުވެސް ވިދާޅުވީ މާވިންއަށް ތަރުޖަމާކޮށްދިނުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ.

މިގޮތުން އޭނާއަށް އެހެން ތަރުޖަމާނަކު ހަމަޖައްސައިދިނުމަށް ދައުލަތުގެ ވަކީލު އެދިވަޑައިގަތެވެ.

އަދި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑު ލިބުމުގައި ދަތިތަކެއް ހުރިކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދާނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެންނެވެ. އަދި ތަރުޖަމާ ކުރުމާއި އަޑު ލިބުމުގައި ވެސް އޭރުން ދަތިކަމެއް ނާންނާނެ ކަމުގައި ހާމަކޮށްފައި ވެއެވެ.

ދެން ބާއްވާ ޝަރީއަތުގައި ދައުވާ ހުށަހަޅައި، ދައުވާއަށް ޖަވާބުދާރީވާން އިތުރު ފުރުސަތު ދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް