ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ހުރި ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިފައިވާ ކަަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނޭކަަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 53.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް