މަސައްކަތެއް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތް ނެތުމުން ގަޑިއިރެއް ނުވަނީސް މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ. މިއަދުގެ ޖަލްސާ ފެށިވަގުތު ހާޒިރުވެ ތިއްބެވީ 30 މެންބަރުންނެވެ. ރަ...

16 Mar 2022 | 09:03

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތް ނެތުމުން ގަޑިއިރެއް ނުވަނީސް މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާ ފެށިވަގުތު ހާޒިރުވެ ތިއްބެވީ 30 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައި ވަނީ ކުރިން ބޭއްވި ތިން ޖަލްސާއެއްގެ ޔައުމިއްޔާ ފާސްކުރުމާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާ ސުވާލު ކުރުމެވެ.

މާވަށު ދާއިރާގެ މެންބަރު ސައީދަށް ދިން ފުރުސަތުގައި މިނިސްޓަރާ ދެ ސުވާލެއް ކުރެއްވިއެވެ.

އެއީ ލ. ހިތަދޫ ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚާއި ބެހޭގޮތުންނާއި  ލ. ހިތަދޫއާއި ކުނަހަންދޫއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއެވެ.

މާވަށު ދާއިރާގައި ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭގޮތުން މެންބަރު ސައީދު ކުރެއްވި ސުވާލަށް  ޖަވާބު ދެއްވަމުން އިތުރު ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވުން 30 މިނެޓަށް ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް ކުރިއަށް ގެންދަވާތީ ރައީސް ޔާމީން ހައްޔަރު ކުރުމަށެވެ. ނަމަވެސް އެ ކުއްލި މައްސަލަ ފާސްވެފައެއް ނުވެއެވެ. އެގޮތުން އެ މައްސަލަ ބަލައިގަންނަން އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދު ޖަލްސާގެ އެންމެފަހު ކަމެއްގެ ގޮތުން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރައްވާފައިވާ ޢަބުދުއްރަޝީދު އަލީގެ ހަނދާނުގައި ސުކޫތުގެ ވަގުތުކޮޅެއް ގެނައުމެވެ.

ކުރީގެ މެންބަރު އަބްދުއްރަޝީދު އަލީ އަކީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ އެވެ.

އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފަ އެވެ.       .

އެއަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރުމަށް އިތުރު މަސައްކަތެއް ތާވަލު ކުރެވިފައި ނެތުމުން ޖަލްސާ ނިންމާލަނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް