ވަގު ޑޮލަރު ވިއްކަމުންދާތީ ސަމާލުވާން އަންގައިފި

މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ...

16 Mar 2022 | 06:28

މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ފުލުހުން ތަހުގީގުކުރަންފަށައިފިއެވެ.

އެގޮތުން، ފުލުހުން ބުނީ މަނީ އެކްސްޗޭންޖް ވައިބަރ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާތަނަކަށް މީހާ ގެންދާކަމަށެވެ.

އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދު ތަކަށް ދިއުމަށް ދައުވަތު ދޭކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނީ ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަރފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ހުށަހަޅަމުންދާކަމަށެވެ.

އެހެންކަމުން، ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާ އަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް