މާލެއަށް އެރި ވެލާ އެޅި ބިސްތައް ކުޑަހުރަޔަށް ގެންގޮސްފި

މާލެއަށް ރޭގައި އެރި ވެލާ އެޅި ބިސްތައް ފޯސީޒަން ކުޑަހުރާ ރިސޯޓަށް ގެންގޮސްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާޙިމް ނައީމ...

16 Mar 2022 | 04:07

މާލެއަށް ރޭގައި އެރި ވެލާ އެޅި ބިސްތައް ފޯސީޒަން ކުޑަހުރާ ރިސޯޓަށް ގެންގޮސްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ އެ ބިސްތައް ރޭގެ ދަންވަރު އެ ރިސޯޓަށް ގެންގޮސްފައިވާކަމަށެވެ.

ނައީމް ވިދާޅުވީ ބިސްތައް ހުރީ ރާޅުޖަހާ ފަށުގައިކަމުން ބިސްތައް ނެގުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ގަބޫލު ކުރެވޭ ކަމަށެވެ.

"ރާޅުޖަހާ ފަށުގައި ލޮނާ އެކުވާނަމަ ބިސްތައް ފީވެ މޮވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ" ނައީމް ވިދާޅުވިއެވެ.

ބިސްތައް ނަގައިގެން ކުޑަހުރަޔަށް ގެންގޮސްފައިވާއިރު ފޯސީޒަން ކުޑަހުރާއަކީ ވެލާ ބިސް ފީކުރާ ހާއްސަ ހެޗަރީއެއް ހުންނަ ތަނެކެވެ. އެ ތަނުގައި އުފަންވާ ވެލާތައް ވަކިވަރަކަށް ބޮޑު ކުރުމަށްފަހު މޫދަށް ދޫކޮށްލަނީ އެ ރިސޯޓްގައި ހިންގާ ހާއްސަ ޕްރޮގްރާމެއްގެ ދަށުންނެވެ.

ވެލާ މާލެއަށް ބިސް މި އެޅީ މާލެއަށް އެރި ތިންވަނަ ފަހަރުގައެވެ. ފުރަތަމަ ފަހަރު މާބޮޑަށް އެކަން ފާހަގަ ނުވި ނަމަވެސް ދެވަނަ ފަހަރު ވެލާ އެރުމުން ފުލުހުން އެ ވެލާ ފައްސައިލީއެވެ. ރޭގައި އެރުމުން އީޕީއޭގެ އެންގުމުގެ ދަށުން ވެލައަށް ހިމާޔަތް ދިނެވެ. ވެލާ ބިސް އެޅީ އެ ހިމާޔަތުގެ ދަށުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް