22 ހަފްތާ ނުވާނަމަ، ފުރާނަ ސަލާމަތްކުރަން ފަރުވާދިނުމަކީ ހޮސްޕިޓަލުތަކުގައި ކުރާކަމެއް ނޫން ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިހެން ބުނެފައި ވަނީ، ބަނޑަށް ފަސް މަހުގައި ވިހޭ ކުއްޖެއް، މަރުވަންދެން ބާއްވާފައިވާ ކަމަށް ބުނެ އާއިލާއިން ތުހުމަތު ކުރުމުން އެ ހޮސްޕިޓަލުން ނެރިފައިވާ ބަޔާނެއްގައެވެ.
ބަނޑަށް 22 ހަފްތާ ނުވަނީސް ކުއްޖާ ވިހައިފިނަމަ ބަލާނީ އެއީ ސްޕޮންޓޭނިއަސް އެބޯޝަންއެއްގެ ގޮތުގައކަމަށާއި އެފަދަ ހާލަތުގައި އަމަލުކުރާނެ ގޮތަކީ ކުއްޖާގެ ވިންދު ހުއްޓެންދެން ބޭއްވުންކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.
އައިޖީއެމްއެޗް ގެ ބަޔާނުގައި ވަނީ، އެއީ އާއިލާއަށްވެސް އަދި އެހެން މީހުންނަށްވެސް ބަލަން ތިބެން ފަސޭހަ މަންޒަރަކަށް ނުވި ނަމަވެސް އެފަދަ ހާލަތްތަކުގައި ކަންތައް ކުރާ ގޮތާއި ހާލަތުގެ ފުރިހަމަ މައުލޫމާތު ކުއްޖާގެ މައިންބަފައިންނަށް ދޭ ކަމަށާއި، އާއިލާގެ އެހެން މެމްބަރުންނާއި ތިން ވަނަ ފަރާތަކަށް އެ މައުލޫމާތުތައް ހިއްސާ ނުކުރާ ކަމަށެވެ.
އެކަމާގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލަށް ކޮންމެ ފުރާނައެއްވެސް މުހިންމު ކަމަށެވެ. ސިއްހީ ފަރުވާއަކީ އިލާހީ ޤާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ ޢިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށެވެ. އެ ކަންކަމަށް ބަލާ ފުރާނަ ސަލާމަތްކުރުމަށް ދެވޭނެ ހުރިހާ ފަރުވާއެއްވެސް ހޮސްޕިޓަލުން ދޭނެ ކަމަށެވެ.
“ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާ އިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެ. ކުއްޖާގެ ވިންދު ހުރި ނަމަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ. އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް ވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާނެ. ސިއްހީ ގޮތުން ރިއާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، 22 ހަފުތާ ނުވާނަމަ، މި އުމުރުގައި ވިހާ ކުއްޖެއްގެ ނުވަތަ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް