މިއަދު ރާއްޖެއިން ވެކްސިން ޖަހާފައި ވަނީ 1775 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެގޮތުން މި 1775 މީހުންނަކީ ވެސް އަތޮޅުތަކުން ވެކްސިން ޖަހާފައިވާ މީހުންނެވެ. މާލޭގައި ކޮވިޑް-19 ދިފާޢު ވެކްސިން ޖެހުން ވަނީ އިއްޔެ ހުއްޓާލާފައެވެ.
އެހެންކަމުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 214،486 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުގައި ވެކްސިން ޖެހި 121،630 މީހުންނާއި އަތޮޅު ތެރޭގައި ވެކްސިން ޖަހާފައިވާ 92،856 މީހުންނެވެ.
މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް-19 ދިފާޢު ވެކްސިން ޖަހަން ފަށާފައި ވާއިރު، އިއްޔެ ވަނީ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާފައެވެ. އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެން ދޭންފަށާނީ މި މަހުގެ20 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން ފުރަތަމަ ޑޯޒް ދޭނީ ކަނޑައަޅާފައިވާ ވަކި ފަރާތްތަކަށެވެ. އެގޮތުން ބަލީގެ ހައި ރިސްކް މީހުންނާއި، މިހާރު ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ތިބުމުގެ ސަބަބުން ވެކްސިން ނުޖެހޭ މީހުން އޭގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. ފައިޒާ އަދި ސިނޮފާމް ވެކްސިން ރާއްޖޭގައި ޖެހުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިއްޔެ ވަނީ ހުއްދަ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް