ދުނިޔޭގެ "ސޯޝަލް ވަރކް" ދުވަސް 2021

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ތިންވަނަ ހަފުތާގެ އަންގާރަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ސޯޝަލް ވަރކް' ގެ ނަމުގައި އިޖުތިމާޢީ ޚިދުމަތް ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަ...

16 Mar 2021 | 10:13

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ތިންވަނަ ހަފުތާގެ އަންގާރަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ސޯޝަލް ވަރކް' ގެ ނަމުގައި އިޖުތިމާޢީ ޚިދުމަތް ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ފާހަގަކުރާ ދުވަހެވެ.

އެގޮތުން މި ދުވަސް މި އަހަރު މި ފާހަގަކުރަނީ މާރިޗު މަހުގެ 16ވަނަ ދުވަހުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ ޚިދުމަތްދިނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އިޖުތިމާޢީ ޚިދުމަތްތެރިން އަމާން ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައްޔާއި އިޖުތިމާޢީ ޢަދާލަތާއި އިންސާނީ ޙައްޤުތައް ދިފާޢުކުރުމުގައި އިޖުތިމާޢީ ޚިދުމަތްތެރިން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ޢާންމު ފަރުދުންނާ ހަމައަށް ގެންގޮސްދީ ހާމަކޮށްދިނުމެން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ ޝިޢާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ސޯޝަލް ވަރކަރސްއިން ކަނޑައަޅައިފައި ވަނީ:

"I am Because We are - Strengthening Social Solidarity and Global Connectedness" އެވެ.

މި އަހަރު ގެ ޝިޢާރުން ހާމަވެގެންދާ މައިގަނޑު އެއްކަމަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ އަހަންމިއްޔަތު ކަމެވެ.

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީ ހަޤީޤަތުގައި ވެސް ވަރަށް ޙައްސާސް މަސައްކަތެއް ކަން ފާހަގަ ކުރަމުން ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ، މިއީ ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ އެތައް ބައެއްގެ ދިރިއުޅުމުގެ އުންމީދުތަކާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.

އަދި މިއީ ކޮންމެ ގޮތެއް ވަރިހަމަ ކޮށްލައިގެން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވެސް މަސައްކަތެއް ނޫން ކަމަށެވެ. މި މަސައްކަތުގައި ވަކި ހަމަތަކަކާއި، މިންގަނޑުތަކަކާއި، އުސޫލުތަކެއް ކަނޑައަޅައި އެ ކަންކަން ކަޅާއި ހުދުން ލިޔެވި ޢަމަލުކުރުން ލާޒިމުކޮށްފައި ހުންނަނީ އެ ސަބަބަށްޓަކައި ކަމަށް ޖެންޑާއިން ފާހަގަ ކުރިއެވެ.

އެ ނޫންގޮތަކަށް ކަންކަން ކޮށްފި ނަމަ ޚިޔާލަށް ވެސް ގެންނަން އުނދަގޫ ކަންކަން މެދުވެރިވުމަކީ ވަރަށް ގާތްކަމަކަށް ވާތީ،  ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށް އިޖުތިމާޢީ ޚިދުމަތްތެރިން ވާންޖެޖޭ ކަމަށް ޖެންޑާއިން ފާހަގަ ކުރިއެވެ.

ޕްރޮފެޝަނަލަކޮށް މަސައްކަތްކުރެވޭނީ ޝައްކެއް ވެސް ނެތްގޮތުގައި އިޖުތިމާޢީ ޚިދުމަތްތެރިން ޚިދުމަތްދިނުމުގައި ޢަމަލުކުރުމަށް ބަޔާންކޮށްފައި ހުރި މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން މަސައްކަތްކޮށްގެންނެވެ.

ޖެންޑާ މިނިސްޓްރީ އިން ފޯރުކޮށްދެމުންދާ އިޖުތިމާޢީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވެމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި  ޖެންޑާއިން ކުރިއަށް ގެންދެވެނީ އިޖުތިމާޢީ ޚިދުމަތްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކާއި މި ދާއިރާއަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ލާމަރުކަޒީ އުސޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމު ހަރުދަނާ ކުރުން ވެސް އެ މިނިސްޓްރިގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އިޖުތިމާޢީ ޚިދުމަތުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މި މަސައްކަތަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއްކަން ޖެންޑާއިން ފާހަގަ ކޮށްފައި ވެއެވެ.

އެ ގޮތުން މި ދާއިރާއަކީ "ޕްރޮފެޝަނަލް" ދާއިރާއެއްގެ ގޮތުގައި ބަލައިގަތުމާއި މި ދާއިރާގެ މުހިންމުކަން މުޖުތަމަޢިން ބަލައިގަތުން މުހިންމު ކަމުގައި ޖެންޑާއިން ފާހަގަ ކުރިއެެވެ.

މީގެ އިތުރުން، އިޖުތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާއަކީ އަންހެނުނަށް ޚާއްޞަ ދާއިރާއެއްކަމަށް ދެކޭތީ، ގިނަ ފަހަރު ފިރިހެނުން މި ދާއިރާގައި ހަރަކާތްތެރިވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އަދި އިޖުތިމާޢީ ދާއިރާއަކީ ހަމައެކަނި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މިނިސްޓްރީގެ ދަށުން އުފައްދައިފައިވާ އިދާރާތައް އެކަނި ނޫންކަން ޖެންޑާއިން ފާހަގަ ކުރިއެވެ.

" އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަކީ ތަފާތު އެކި ދާއިރާތަކުގައި ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި ވެސް ދަންނަވަމެވެ. އެ ގޮތުން، ނަފުސާނީ ބަލި ތަޙައްމުލުކުރަމުންދާ ފަރާތްތަކަށް ޚިދުމަތްކުރުން، ތަޢުލީމީ ދާއިރާ އަދި ފުލުހުންގެ ޚިދުމަތުގެ ދާއިރާތަކަކީ އެފަދަ ބައެއް ދާއިރާތަކެވެ. މަސައްކަތްކުރުމަށް ބޭނުންވާ ފަންނީ ޤާބިލު މުވައްޒަފުން ލިބޭ މިންވަރު މަދުވުމާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އެހެނިހެން މަސައްކަތުގެ ދާއިރާތަކަށް ބަދަލުވަމުން ދިޔުމަކީ ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، އަމާޒަކީ އިޖުތިމާޢީ ޚިދުމަތްދިނުން ލާމަރުކަޒުކޮށް އެ ނިޒާމު ހަރުދަނާ ކުރުމަށް ފެށިފައިވާ މަސައްކަތުގެ ތެރެއިން މި ކަމަށް ޙައްލެއް ހޯދުމެވެ." ޖެންޑާއިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް