ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން ބަލިވެ ހިތިގޮތަކަށް ޔުވެންޓަސް މުބާރާތުން ކެޓުމާއި ގުޅިގެން އެކަމުގެ ހުރިހާ ޒިންމާއެއް ރޮނާލްޑޯގެ ބޮލުގައި އަޅުވާ ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ވަނީ ގަދަވެފައެވެ. އެގޮތުން މިހާރު ކުރިޔައްދާ ފުޓްބޯޅަ ސީޒަން ނިމުމާއި އެކު ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސް އިން މަސައްކަތް ފަށާފައިވާ ކަމަށް ވެސް މީޑިއާގައި އަޑުތައް ފެތުރިފައިވެއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޔުވެންޓަސްއިން މިހާރުވަނީ ރޮނާލްޑޯގެ ރިލީޒް ފީއެއްގެ ގޮތުގައި 25 މިލިއަން ޕައުންޑުގެ އަގެއްވެސް ކަނޑައަޅާފައެވެ. ރިޕޯޓުގައިވާ ގޮތުން ރިލީޒް ފީއެއްގެ ގޮތުގައި މިހާ ކުޑައަދަދެއް ޔުވެންޓަސްއިން ކަނޑައަޅާފައި މިވަނީ ކޮވިޑްގެ މިހާލަތާއި ގުޅިގެން ކުލަބުތަކަށް ދިމާވެފައިވާ މާލީހާލަތަށް ވެސް ބަލާފައެވެ.
2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އެ ކުލަބާއި އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެގޮތުން ޔުވެންޓަސްއާއި އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އޭގެ ކުރިން އެ ކުލަބުން ރޮނާލްޑޯ ދޫކޮށްލާނެއެވެ.
ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވުމާއި އެކު ޔޫރަޕާއި އެކެރިކާ އަދި ޗައިނާގެ ބޮޑެތި ކުލަބުތަކުން ވަނީ ރޮނާލްޑޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ ރޮނާލްޑޯގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑުން ހޯދުމަށް މަސައްކަތްކުރަމުން ދަ ވާހަކަތެކެވެ.
މި ވާހަކަތަކާއި ގުޅިގެން ރެއާލްގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ އެކަމާއި ހިންހަމަ ޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޕްރިމެޗު ނިއުސް ކޮންފަރެންސެއްގައި ރޮނާލްޑޯ ރެއާލްއަށް އެނބުރި އައުމާއި މެދު ދެކޭ ގޮތަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޒިދާން ބުނީ ރޮނާލްޑޯ އަކީ ތަފާތު ހުނަރުވެރިއެއް ކަމަށާއި ރޮނާލްޑޯ ޓީމުގައި ހުރުމަކީ ލިބޭ ބޮޑު އުފަލާކާއި ނަސީބެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ އަދި ޔުވެނޓަސްގެ ކުޅުންތެރިއަކަށް ވުމުން މިވަގުތު އޭނާގެ ޓްރާންސްފާ އާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.
ހަމަ އެގޮތައް ރޮނާލްޑޯގެ ސޮއި އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ހޯދުމަކީ މިހާރުން މިހާރަށް ވެސް ކުރުން އެންމެ ރަނގަޅުކަމެއް ކަމުގައި ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރ އަދި ވޭލްސްގެ ގައުމީޓިމުގެ ކޯޗު ރަޔަން ގިގްސް ވެސް ވަނީ ބުނެފައެވެ. ރޮނާލްޑޯ އަނބުރާ އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމަށް ގިގްސްވެސް ތާއީދު ކޮށްފައިވާއިރު، އެޓީމުގެ މިހާރުގެ ކޯޗު އޮލިގަނާ ސޮލްސެއާވެސް ވަނީ ރޮނާލްޑޯ އޭނާގެ ޓީމުގައި ހިމަނަން ބޭނުންކަމަށް ބުނެފައެވެ.
ޔުނައިޓެޑު އަދި ރެއާލްގެ އިތުރުން ފްރާންސްގެ ޕީއެސްޖީންވެސް އަންނަނީ ރޮނާލްޑޯ ހޯދުމަށް ޝައުގުވެރިކަން ފާލުކުރަމުންނެވެ. އެގޮތުން ޕީއެސްޖީގެ ރައީސް ނަސީރު އަލްޚަލައިފީވެސް ވިދާޅުވެފައިވަނީ ރޮނާލްޑޯ ގެނައުމަށް އެކުލަބުންވެސް ޝައުގުވެރިވާކަމަށެވެ. އަދި އުންމީދަކީ ކޮންމެވެސް ދުވަހަކުން ރޮނާލްޑޯ ޕީއެސްޖީގެ ޖާޒީގައި ފެނުންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސްއިން އުޅޭކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން ޔުވެންޓަސްގެ މިހާރުގެ ކޯޗު އެންޑްރޫ ޕިރްލޯ ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ޔުވެންޓަސްއާއި ރޮނާލްޑޯއާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހުރިހާ މައްސަލައެއްވެސް އުފައްދަނީ މީޑިއާއިން ކަމަށް ޕިރްލޯ ބުނެފައިވެއެވެ. ޕިރްލޯ ބުނީ ރޮނާލްޑޯ އަކީ މިވަގުތު ޔުވެންޓަސްގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި ރޮނާލްޑޯ އާއި އެކު ޔުވެންޓަސް އިތުރު ކާމިޔާބީތަށް ހޯދަން ބޭނުންވާ ކަމަށެވެ.
މީޑިއާގެ ވާހަކަތަކަށް ރައްދުދެމުން ރޮނާލްޑޯވެސް ބުނެފައިވަނީ ބަލިވުމާއި ދެރަވުން އެއީ ފުޓްބޯޅައިގައި ދިމާވާނެ ކަމެއް ކަމަށާއި ވެއްޓޭ ކޮންމެ ފަހަރަކު ނުތެދުވެ އޮތުމުގެ ބަދަލުގައި ހިއްވަރާއި އެކު ގަދައަޅާ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރުމަކީ އެންމެ ކާމިޔާބު މީހުންގެ އުސޫލް ކަމަށެވެ. އިތުރަށް ރޮނާލްޑޯ ބުނީ އަދި އާސާރީ ތަކެއްތި ހުންނާނީ މިއުޒިއަމް ތަކުގައި ރޮވިފައިކަމަށާއި ނަމަވެސް ފުޓްބޯޅައިގެ ކާމިޔާބީއާއި ނާކާމިޔާބީ އަކީ ހަނދާނުގައި ހަރުލާފައި ހުންނަ ތާރީޙުތަކެއް ކަމަށެވެ. އެހެން ކަމުން މާޒީގެ ކަންތަކާއި ހިތާމަކޮށް ފިކުރުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ބޭނުންވަނީ އަލުން އާ ހިއްވަރާއެކު އިތުރު ކާމިޔާބީތަކެއް ހާސިލް ކުރުމަށް ކުލަބާއި އެކު މަސައްކަތް ކުރުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް