''ހެހެ......... މުޑުދާރުވީ މިހާރު ދޯ....... އޭރު މުޑުދާރެއް ނުވިއެއްނު.......... ވީނަމަ އެގޮތަށް ދެމީހުންގެ ސެލްފީއެއް ނުހުރީހެއްނު......... ފަހަރިވެސް ހާދަ މޮޔައޭ......... މި ފަހުދަށް ތިކަލަ ކިތަންމެ ޒާރާއެއް މީގެ ކުރިން ފެނި ބާވެއްޖެ...... އަދި ތިކަލަ ކިތަންމެ އެކްޓެއް ފެނި، ޑްރާމާތައްވެސް ދެކެފިން........... އާދޭ އެންޖޯއި ކޮށްލަން........ އޭރުން ތިހުރިހާ ކަމެއް ހަމަޔަކަށް އެޅިދާނެ........... މީހާ 'ރިލެކްސް' ވާނެ............'' ފަހުދު އެނބުރުނީ އޭނާގެ ސްޓަޑީ ޓޭބަލްއާ ދިމާއަށެވެ.
އެތަނުގައި ދެތިން ފުޅިހުއްޓެވެ. ކޮންމެ ފުޅިއަކުންވެސް ކޮންމެވެސް ވަރަކަށް ހުރީ މަދުވެފައެވެ. ފަހުދު އެތަނުން އެއްފުޅި ނެގިއެވެ. އެއީ އެންމެ މަދުންހުރި ފުޅިއެވެ. އެއިން ތައްޓަކަށް އެތިފޮދެއް އެޅުމަށްފަހު ދެތިން އައިސްކިއުބު ތަށިތެރެއަށް ވައްޓާލިއެވެ. އަދި ދެވަނަ ތައްޓެއް ހަމަ އެގޮތަށް ތައްޔާރު ކޮއްލިއެވެ. ޒާރާގެ ގާތަށް ޖެހިލަމުން އެއްތަށި ދިއްކޮއްލިއެވެ.
ޒާރާއަށް ފަހަތަށް ޖެހިލެވުނެވެ. ދެލޯބޮޑުކޮއްގެން ހުރެ ބެލެނީ ފަހުދު އަތުން ހިފަހައްޓާލައިގެން ހުރި ތައްޓަށެވެ. އެއީވެސް ފަހުދު ކުރާކަމެއް ހެއްޔެވެ. ފަހުދުގެ އަނގައިން ދުވި ނުބައިވަހަކީ އެއީތާއޭ ޒާރާގެ ހިތަށް އެރިއެވެ. އާނއެކެވެ. ޒާރާއަށް އަލަށް ފެނުނުކަމުގައި ވިޔަސް ރާބުއިމަކީ ފަހުދުގެ އާދައެކެވެ. ކަށީގައި ހިފާފާއިވާ ނުބައި އަމަލެކެވެ. އެ ނުބައި އާދައަށް މަގުފަހިވީ ފަހުދު ބޭރުގައި ކިޔަވަން ހޭދަކުރި މުއްދަތުގައެވެ. އޭރުގެ އެކުވެރިންގެ ފަރާތުންނެވެ. ބާ ތަކަށް ދިޔުމާ ނައިޓްކުލަބުތަކުގައި ވަގުތު ހޭދަކުރުންވީ އޭރު 'މަޖާ' ކަމަކަށެވެ. ފުރަތަމަކޮޅު ޖެހިލުންވި ނަމަވެސް ފަހުން އެކަން 'އޯކޭ' ވިއެވެ. 'ކޫލް' ކަމެއްގެ ގޮތުގައި ބަލައިގަނެވުނެވެ.
ނަތީޖާއަކަށްވީ ކިޔަވާ ނިމިގެން ރާއްޖެ އައުމަށްފަހުވެސް އެ އާދައާ ދުރަށް ނުދެވުމެވެ. ރިސޯޓްތަކަށް ފަހުދު ގިނައިން ދާ އެންމެ ބޮޑު އެއް ބޭނުމަކީ އެއީއެވެ. ގޭގައި މަދުމަދުން ބޭނުންކުރިޔަސް 'ބޮނީ' ވަރަށް ބަލައިގެންނެވެ. ފަހަރެއްގައިވެސް އޭނާގެ ބޮޑުދައިތައަށް އެކަން އެނގެން ބޭނުން ނުވާތީއެވެ.
''ވަރަށް ސަޕްރައިސް ވެއްޖެ ދޯ.......... ހެހެ........... އަދި މިކަލަ އެތަކެއް ސަޕްރައިސް ލިބޭނެ އިނގޭ ފަހަރިއަށް........'' ފަހުދު ކޯވަރެއް އަނގަޔަށް އަޅާފައި ގަދަކަމުން ކަހަލަ ގޮތަކަށް ދިރުވާލިއެވެ.
''ހިފާބަލަ ދެން........... މި ނުބައިއްޔާ އެހެން ވައްތަރެއްވެސް އެބަހުރި........... އަޅާދެންތަ.......'' ހިނދެއް ހިނދަކަށް ފަހުދު ދިޔައީ ޒާރާއާ ގާތަށް ޖެހެމުންނެވެ.
ޒާރާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. އޭނާއަށް ސިފަވަމުން ފިލްމުތަކުން ފެންނަ ބައެއް މަންޒަރެވެ. ރާބޮއި، އަމަލުވެގެން މީހުން އުޅޭގޮތެވެ. ފަހުދުވެސް އެފަދަގޮތަކަށް ހަމައިން ނެއްޓިދާނެތީ ޒާރާ ކަންބޮޑުވަނީއެވެ. އޭނާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. ޒާރާއަށް ވިސްނާލެވުނީ އޭނާގެ އަމިއްލަ ނަފުސުގެ މޮޔަކަމާމެދުގައެވެ. ރައްކާތެރި ތަނެއްގައި ހުރެފައި ފަހުދުގެ ކޮޓަރިއަށް އޭނާއަށް އާދެވުނީތީ ދެރަވިއެވެ.
''ޒިލީ ހޭލަފާނެ............ ދެން ދަނީ.............'' އިސްޖަހާލަމުން ޒާރާ ބުންޏެވެ. ޒާރާ ބޭނުންވީ އެތަނުން ދާށެވެ.
''ދެން ތިހެން ނަހަދާ.......... އަތުގަ ޖެހިފަ........ ދަތުގަ ނުޖެހި ތިހެން ދާން ދޫކޮއްލެވޭނީ ކިހިނެތް.............'' ފަހުދު އަތުގައި ހުރި ތަށިތައް މޭޒުމަތީގައި ބަހެއްޓުމަށްފަހު ޒާރާގެ ކުރިމަތީގައި ހުއްޓުނެވެ.
''ތީ ހާދަ ނުބައި ނުލަފާ އިންސާނެކޭ........ އަހަރެން ދުވަހަކުވެސް ފަހުދަށް މާފެއް ނުކުރާނަން........... ތީ ވަރަށް މުޑުދާރު ޖިސްމެއް......... ތި ރޫހުގައި އެއްވެސް ތާހިރުކަމެއް ނެތް............ ބަލާލަން ރީއްޗަސް ތީ ބޮޑު ހުތުރެއް............'' ޒާރާގެ ހިތާހިތުން ފަހުދަށް އެތިވަރު ގޮވައިގަނެވުނެވެ. އެބަސްތައް ފަހުދަށް އަޑު އިއްވާލަން ޒާރާ ކިތަންމެ ބޭނުމަސް އޭނާގެ ދެތުންފަތް ވަނީ ތަޅުލެވިފައެވެ.
''އިންމަ ވަރަށް ހިތުގައި ޖެހޭނެދޯ......... ފަހަރި އަހަންނާ އެކު ............... ދޯ .......... ނޫންތަ............'' ފަހުދު ޒާރާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ޒާރާގެ ލޭ ކެކިގަތެވެ. އިމްރާނޭ ކިޔައިގެން ފަހުދު އަނގަހުޅުވަންވެސް ލަދުގަންނަން ޖެހޭނެއެވެ.
''ކަލެއަށް ތި އަރައިގަނެވުނީ އިމްރާނުގެ ޙައްޤަކަށް ކަމެއް ނޭނގޭތަ........ އެއީ ފަހުދު އުފާކުރަން ޖެހޭ ކަމެއް ނޫން............. މާ މޮޅުކަމެއް ކަމަށް ހީކޮއް އަމިއްލަ ނަފުސުގެ އަގު ތި ވައްޓާލެވެނީ...................'' ޒާރާ ހިތްވަރު ކޮއްފައި ވާހަކަދެއްކިއެވެ.
''ޙައްޤެކޭ.......... މަގޭ ވެސް ޙައްޤެއް ފަހަރި ތީ........ ލޯބި ވެވުނީމަ އެއޮތީ ޙައްޤަކަށްވެފަ............ ދެން އެވާހަކަ ބާއްވާ........... އާދޭ .............'' ފަހުދު ޒަރާގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. އެހެންނަމަވެސް ޒާރާ ތެޅިގަތްގޮތުން ފަހުގެ އަތް ޒާރާގެ އަތުން ދޫވިއެވެ.
ފަހުދުގެ އަތްދަށުން ވީއްލުމުން ޒާރާ ފަހަތަށް ޖެހިލިއެވެ. ޒާރާގެ އެ ހަރަކާތުގެ ސަބަބުން ފަހުދުގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެނިގެން ދިޔައެވެ.
''ލަސްވަންޏާ ހަމަ ދެރަވާނީ ފަހަރިއަށް........... މިރޭ މަ ބޭނުން ކަންތައް ނުވެއްޖިއްޔާ ހަނދާންކުރާތި........... ފަހަރިއަށްޓަކައި އަހަރެން ހިތުގަ އޮތް ލޯތްބާ އޯގާތެރިކަން ފޮހެވިގެންދާނެ އިނގޭ........... ކޮންމެގޮތެއް ވިޔަސް އަހަރެން ފަރުވާލެއް ނެތް............'' ފަހުދު ދެވަނަފަހަރަށް ޒާރާގެ އަތުގައި ހިފެހެއްޓިއެވެ. ގާތަށް ދަމާލީ ކުރީފަހަރަށްވުރެ ބާރަށެވެ. އެހެންކަމުން ޒާރާގެ ނާޒުކު ހަށިގަނޑު ކޮންޓްރޯލް ނުކުރެވިގޮސް ފަހުދުގެ މޭގައި ތަތްވިއެވެ. ޒާރާ ގަދަހަދަމުން ދިޔަ ނަމަވެސް ފަހުދަށް އެކަން މާބޮޑު ކަމަކަށް ވާހެނެއް ހިޔެއް ނުވެއެވެ. ފަހުދުގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޒާރާވަނީ ހަތްޔަރުވެފައެވެ.
ފަހުދުގެ އަތް ޒާރާގެ އަނގަމަތީގައި އަޅާފައިވާލެއް ބާރުކަމުން ޒާރާގެ ނޭވާ ހާސްވަމުން ދިޔައެވެ. އެނދުމައްޗަށް ޒާރާ ވައްޓާލުމަށްފަހު ފަހުދު ހިންދެމިލިއެވެ. އަދި މޭޒުމަތީގައި ބެހެއްޓި ތަށި ނެގިއެވެ. ތަށީގައި ހުރި އެއްޗިހި އަނގަޔަށް އޮއްސާލުމަށްފަހު ދިރުވާލިއެވެ. ދެވަނަތަށި ނެގިއެވެ. ޒާރާއާ ދިމާއަށް ގުދުވެލިއެވެ.
''އަނގަހުޅުވާ...............'' ފަހުދު ހަރުކަށިކަމާއެކު އަމުރުކުރިއެވެ.
ޒާރާގެ ހިތް ހުއްޓުނު ކަހަލައެވެ. އެހެނަސް މިވަގުތު ފިނޑިވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއީ އޭނާއަށް ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާނުކަމުގައި ހިތަށް އެރުމާއެކު ލޯމަރާލެވުނެވެ. އަމިއްލަ ނަފުސަށް ވައުދުވިއެވެ. ކޮންމެ ގޮތެއް ފަހުދު ހެދިކަމުގައި ވިޔަސް ޒާރާގެ ރުހުމުގައި ފަހުދުގެ އެއްވެސް އެދުމަކަށް އިޖާބަ ނުދޭން ނިންމިއެވެ.
''އޭތް........... މިކިޔާ އެއްޗެއް އަޑެއް ނީވޭތަ............'' ފަހުދު ޒާރާގެ ބޮލުގައި އަތުން ޖަހާލިއެވެ. ކަރުނައިން ފުރިފައިވާ ދެލޯ ހުޅުވާލަން ޒާރާއަށް މަޖުބޫރުވިއެވެ. ފަހުދާ ހަތަރުކަޅި ހަމަކުރަން ބޭނުން ނޫނަސް ފަހުދުގެ ލޮލަށް ޒާރާ ބަލާލިއެވެ.
އޭނާގެލޯ ހުއްޓިފައިވަނީ ޒާރާގެ ހަށިގަނޑާ ދިމާއަށެވެ. އެ ބެލުމުގައިވަނީ ދަހިވެތިކަމެވެ. އެވަރަށް ހިފާ އޮޅުލުމުގެ ސަބަބުން ނޫންކަމެއްވެސް ނޭނެއެވެ. ނޫނީ އޭނާ އެބުއި އެއްޗެއްގެ އަސަރު ކަމުގައިވެސް ވެދާނެއެވެ. ފަހުދުގެ ނިތްކުރިމަތިން ދާތިކިތައް ފާއްދާލާފައި ވެއެވެ.
''އަހަރެން ތިޔެއް ނުބޯނަން............ މަރާލިޔަސް......... ތިޔެއް .............'' ޒާރާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ފަހުދު ހިފަހައްޓައިގެން ހުރި ތަށި ޒާރާގެ މޫނުމައްޗަށް އޮއްސާލިއެވެ. މޫނުން ފެށިގެން ތިރިޔަށް މޭމަތިން ބޮޑުބައެއް ތެމި ފޯވެއްޖެއެވެ. އޭގެން ދުވި ވަހާ ބުރައިގެން ދިޔަ ތިކިތަކުގެ ސަބަބުން ޒާރާގެ ނޭވާ ހާސްވިއެވެ. ކޮށިއެރިއެވެ.
''ދެންވެސް މަށާ ޒުވާބުކުރަން ނޫޅޭތި.......... މައިތިރިވެގެން އޮވެވޭތޯބަލާ..............'' ފަހުދު ގުދުވެ ޒާރާގެ ދެކޮލުގައިހިފާ ފިއްތާލަމުން އޭނާގެ މޫނު ޒާރާގެ މޫނާ ގާތް ކޮއްލިއެވެ. އަދި ތެދުވެ ހިންދެމިލިއެވެ.
ލައިހުރި ކުރު ސޯޓުބުރީގެ ތެފަރާތުގައި ހިފާ ތިރިކޮއްލިވަގުތު ޒާރާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ފައިން ފަހުދުގެ އުނގަނޑުމަތީގައި އަޅާ ކޮއްޕާލިއެވެ. ސޯޓާއެކު ދެފައި ބަނދެވިފައިވުމުން ފަހުދު އަރިއަޅާލިއެވެ. ލިބުނު ފުރުސަތުގައި ޒާރާ ފުންމައިގެން ތެދުވިއެވެ. ފަހުދު ތެދުވުމުގެ ކުރިން ކޮޓަރިން ނިކުމެ ދުއްވައިގަތެވެ. ސިޑިން މައްޗައް އެރުނު ގޮތެއްވެސް ޒާރާއަކަށް ނޭނގުނެވެ. ތެޅެމުން ދިޔަ މޭގައި އަތް ޖައްސާލައިގެން ހުރެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނުމަށްފަހު ތަޅުލިއެވެ.
ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ޓެރަސްއަށް ނިކުމެވެންހުރި ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. ހަމަހިމޭންކަމުގެ ތެރެއިން ޒާރާގެ ގިސްލުމުގެ އަޑު ފިޔަވާ އިތުރުއަޑެއް ނީވެއެވެ. އެތައް އިރަކު އޭނާ ރުޔެވެ. ހިތަށް އަރަމުންދިޔަ އެތައް އެއްޗެއްގެ ސަބަބުން އޭނާ ބޯހާސްވަނީއެވެ.
ބެލްކަނީގެ ދަނގަޑު ތޭރިތަކުގައި ހިފަހައްޓާލުމަށްފަހު ޒާރާ ތިރި ބަލާލިއެވެ. އޭނާއަށް އެހުރެވުނީ ދިހަބުރީގެ އުސް އިމާރާތުގެ އެންމެ މަތީގައެވެ. ދެލޯމަރާލުމަށްފަހު ފުންމާލަން ޒާރާ ބޭނުންވިއެވެ. އެއީ އޭނާގެ އެންމެ ފަހުގެ ނިންމުމެވެ. ފަހުދުގެ އުނދަގުލާ ތުރާލުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. އެއީ ހުރިހާ ލަދަކާ ބަދުނާމަކުން އޭނާއަށް ސަލާމަތް ވެވެންއޮތް ހަމައެކަނި ގޮތްވެސް މެއެވެ. އޭނާގެ ސިނކުޑި ބުނާ ބުނުމަށް އިޖާބަދޭން އޭނާ ނިންމިއެވެ. އެނޫންގޮތެއް އޭނާއަށް ނެތްކަމުގައި ގަބޫލުކުރެވޭތީއެވެ.
''އަހަރެން ވަރުބަލި ވެއްޖެ............. ވަރަށް ވަރުބަލިވެއްޖެ.......... ދެން އިތުރަށް ހިތްވަރު ކުރެވޭހާ ހަކަތައެއް މި ޒާރާގެ ކިބަޔަކު ނެތް............އިމްރާން އަހަންނަށް މާފުކުރާތި......... '' އޭނާ އަމިއްލަ ނަފުސަށް އިވޭވަރަށް ބުނެލިއެވެ.
------------------------------------------------------------------------------------------------
ނުނިމޭ.... ވާހަކައިގެ އާ ބައެއް، އިންޝާﷲ... 18 މާރިޗް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ... އިންތިޒާރުކޮށްލައްވާ.....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް