ގައިދުރު ކޮށްގެން ސަފު ހެދިޔަސް މި ހާލަތުގައި ނަމާދު ޞައްޙަ ވާނެ: ފަތުވާ މަޖިލިސް

ގައިދުރު ކޮށްގެން ސަފު ހެދިޔަސް މި ހާލަތުގައި ނަމާދު ޞައްޙަ ވާނެ ކަމަށާއި، އެއީ މަކްރޫހަ ކަމަކާއި ނުލައި ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ. މ...

16 Mar 2021 | 05:18

ގައިދުރު ކޮށްގެން ސަފު ހެދިޔަސް މި ހާލަތުގައި ނަމާދު ޞައްޙަ ވާނެ ކަމަށާއި، އެއީ މަކްރޫހަ ކަމަކާއި ނުލައި ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ.

މި ހާލަތުގައި ގައިދުރުމަކާއެކު ނަމާދުގެ ޖަމާޢަތް ގާއިމު ކުރުމުގައި އިސްލާމް ދީނުގައި އޮންނަ ގޮތް ދެނެގަތމާ މެދު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ، ކީރިތި ޤުުރުއާނާއި ކީރިތި މާތް ރަސޫލާގެ ސުންނަތާއި ފަތުވާދޭ މުއައްސަސާ ތަކާއި، އިލްމުވެރިންގެ ޖަމާޢަތުގެ ބަސްފުޅުތަކުގެ އަލީގައި މި މައްސަލަ ދިރާސާ ކޮށްފައި ވާނެ ކަމަށެވެ

"ފަހެ އެއްވެސް ސަބަބެއްނެތި ހުރިހާ ކަމެއް ފުރިހަމަވެގެންވާ ޙާލަތުގައި އަމިއްލަ އިޚްތިޔާރުގައި ނަމާދު ކުރާމީހުންގެ ސަފުތަކުގައި ހުސްތަން ބާއްވައިގެން ނަމާދު ކުރުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަކްރޫހަ ކަމެކެވެ. އެކަމަކު މަޖްބޫރު ޙާލަތުގައި މިދެންނެވި މަކްރޫހަކަން ނެތިގެންދާނެއެވެ. އެއީ އަންނަނިވި ފިޤްހީ ޤާޢިދާގައިވާ ފަދައިންނެވެ. "ކަމެއް ދަތިވެގެންދާ ހިނދު އެކަން (އެބަހީ: އެކަމުގެ ޙުކުމް) ތަނަވަސް ވެގެން ދެއެވެ." ވީމާ، އިތުބާރު ހުރި ޞިއްޙީ މޯހިރުންގެ ލަފަޔާއި އިރުޝާދާ ޚިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެކެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެއެވެ." ފަތުވާ މަޖިލީހުގެ ބަޔާނުގައި ވެއެވެ.

މި ހާލަތުގައި ޖަމާޢަތުގައިި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާ މީހުން ސަފުގައި އިޖުތިމާޢީ ގައިދުރުކޮށްގެން ސަފު ހަދައިގެން ގައިދުރު ކުރެވޭނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށް ފަތުވާ މަޖިލީހުގެ ބަޔާނުގައި ވެއެވެ.

ކަން މިހެން އޮތުމާއެކު، އިސްލާމީ ހުރިހާ ޤައުމުތަކެއްގައި ވެސް ޢަމަލު ކުރަމުން ދަނީ މި ޢުސޫލުގެ މައްޗަށް ކަމަށް ވެސް މަތުވާ މަޖިލީހުން ބުނެއެވެ.

ސަބަބެއް ނެތި ޖަމާއަތުގެ ނަމާދުގެ ސަފުތަކުގައި ހުސްތަން ބާއްވައިގެން ނަމާދު ކުރުމަކީ މަކުރޫހަ ކަމެއް ކަމަށް ޖުމްޙޫރު ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށާއި، މަޖުބޫރު ހާލަތުގައި މި މަކުރޫހަކަން ނެތިގެން ދާނެ ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް