ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ބައިވެރި ވެވަޑައިގެންފި

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށް ހިނގަމުންދާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ....

16 Mar 2017 | 15:18

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށް ހިނގަމުންދާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

މި މަހުގެ 13 އިން 24 އަށް ކުރިއަށްދާ މިބައްދަލުވުމުގެ ޝިއާރަކީ، "ބަދަލުވަމުން އަންނަ މަސައްކަތުގެ މާޙައުލުގައި އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމެވެ". އަދި، އަންހެނުންނާއި އަންހެންކުދިންނަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާއި ގުޅިގެން ޤައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުންވެސް މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރާއްޖޭގައި އަންހެނުން އެކި ދާއިރާތަކުގައި އަދާކުރަމުންދާ މުހިއްމު ދައުރު ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރައްވާ، މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އަންހެނުންނަށް ހަމަހަމަ ހައްޤުތަކާއި، ފުރުސަތުތައް އަދި ޒިންމާތައް ހޯދައިދިނުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ.

ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތަކުގެ މެދުގައި، ޖިންސުގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުމުގެ އިތުރުން، އަންހެނަކަށްވީތީ މުޖުތަމަޢުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ޙިއްސާކުރުމަށް، ނިއުޔޯކުގައި ހުންނަ އދ.ގެ މައި އިދާރާގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް