ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މާބަނޑު މުވައްޒަފުންނަށް މިއަދުން ފެށިގެން ޗުއްޓީދީފި އެވެ.
ހަލުވިކަމާއި އެކު ފެތުރެމުންދާ އެޗް1އެން1 ވައިހުގެ ނުރައްކާ އެންމެ ބޮޑީ މާބަނޑު މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ. އަދި އޭޑީކޭ އާއި އައިޖީއެމްއެޗުން ދަނީ މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ދެމުންނެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް ސޮއި ކުރައްވާ ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާ އާއި ހުމާ ގުޅިގެން މިއަދުން ފެށިގެން ވަކި ދުވަހެއް އަންގަން ދެން މާބަނޑު ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި މުސާރައާއި އިނާޔަތްތައް ހަމަޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ މާބަނޑު މީހެއްކަން އަންގައިދޭ ސައްހަ ލިޔުން އެ މުވައްޒަފަކު މަސައްކަތް ކުރާ އިދާރާއަކަށް ހުށަހެޅުމުން މިއަދުން ފެށިގެން ޗުއްޓި ލިބޭނެ ކަމަށެވެ. އެކަމަކު އެ މުއްދަތުގައި ގޭގައި ހުރެގެން ކުރެވެން ހުރި މަސައްކަތަކާއި، އޮފީހުން ކޮންމެ ހެން އެދިއްޖެ ނަމަ އެ މަސައްކަތެއް ކޮށްދިނުމަށް އެދިފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން އެހެން ބައެއް މިނިވަން މުއައްސަސާތަކުން ދަނީ އެ ކޮމިޝަނުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓި ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް