ސޯސަންގޭގައި ގާއިމްކޮށްފައިވާ އޭޑީކޭ ފްލޫ ކްލިނިކުން އިއްޔެ އެކަނި 254 މީހުން، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭއިން ބުނީ ފްލޫ ކްލިނިކުން ހިދުމަތް ދޭން ފެށުމުން އެއްދުވަހުން އަނެއް ދުވަހަށް ފަރުވާ ހޯދާ މީހުން އިތުރުވަމުން ދާ ކަމަށެވެ. އޭޑީކޭ ފްލީ ކްލިނިކުން ހިދުމަތް ދެނީ ހެނދުނު 10:00 ން ރޭގަނޑު 10:00 އަށެވެ.
އެ ހޮސްޕިޓަލުން ބުނީ ފްލޫ ކްލިނިކް ހުޅުވައިގެން ދެ ދުވަސް ވީއިރު ޖުމްލަ 372 މީހުން ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
ފްލޫ ކްލިނިކް ހުޅުވި އަންގާރަ ދުވަހު ޖުމްލަ 118 މީހުން ފަރުވާ ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 56 އަންހެނުންނާއި 63 ފިރިހެނުން ނެވެ. އިއްޔެ 254 މީހުން ފަރުވާ ހޯދާފައިވާއިރު އޭގެ ތެރެއިން 137 މީހުންނަކީ ފިރިހެނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި 117 އަންހެނުން ޑޮކްޓަރަށް ދެއްކި ކަމަށެވެ.
އެކަމަކު އޭގެ ތެރެއިން އެއްވެސް މީހަކު އަދި އެޗް1އެން1 އަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.
އޭޑީކޭ ފްލޫ ކްލިނިކްގެ ހިދުމަތް ދެނީ ހިލޭ އެވެ. އެ ހޮސްޕިޓަލުން ބުނީ އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ބޭސް ދޫކުރާނީ ހިލޭ ކަމަށާއި ހޮސްޕިޓަލުގެ އުސޫލުތަކުގެ ދަށުން ފައިސާ ނަގަން ފަށާނީ އެޑްމިޓް ކޮށް އިތުރު ފަރުވާއެއް ދޭން ޖެހޭނަމަ ކަމަށެވެ.
ސޯސަންގޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުގައި ޑޮކްޓަރަށް ދެއްކުމާއި ފުރަތަމަ ފަރުވާގެ ގޮތުގައި ދޭންޖެހޭ ހުރިހާ ހިދުމަތެއް ލިބެން ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް