އެޗް1އެން1 އިންފްލުއެންޒާއަށް ޕޮޒިޓިވް ވި އަންހެނަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ނިޔާވެފައިވަނީ ފ ނިލަންދޫ ބުރުނީގެ ފާތުމަތު އިސްމާއިލެވެ. މި އަންހެންމީހާ ނިޔާވިކަން އާއިލާ އިން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދިން ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
އާއިލާ މެމްބަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފްލޫ ޖެހިގެން ފާތިމަތު މަރުވިކަން، އައިޖީއެމްއެޗުން ބެލި ޑޮކްޓަރުން ކަށަވަރު ކޮށްދީފައިވާކަމަށާއި ނިލަންދޫން މާލެ ގެންނަން ޖެހުނީ ކުއްލިއަކަށް ވަރަށް ގަދައަށް ހުން އައިސް ގައިގައި ރިއްސާތީ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ފާތިމަތު ނިޔާވީ ވެންޓިލޭޓަރެއްގެ އެހީގައި ނޭވާލަމުން ދަނިކޮށް ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ މިހާރު ހަތަރު ދުވަސް ވެފައިވާކަމަށެވެ.
އެޗް1އެން1 ޖެހިގެން ނިޔާވި މިއީ ދެވަނަ މީހާކަމުގައިވާއިރު އެޗްޕީއޭއިން ރޭ އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމަ އަށް 279 މީހަކު ވަނީ ސްވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 (29 ޕަސެންޓް) މީހުން ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެއާއި ހަމައަށް ހާލު ބޮޑު ހަތަރު މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ދެ މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް