މުޒާހަރާތަކުގެ ތެރެއަށްވަދެ ހަމަނުޖެހުން ހިންގާ ހިންގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ފަރާތެއްގެ މައުލޫމާތު އެނގޭނަމަ އެކަން ފުލުހުންނާ ހިއްސާކުރުން އެދޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ މާލޭގައި ސިލްސިލާކޮށް މިހާރު ކުރިޔަށްގެންދާ އެއްވުންތައް ކުރިޔަށްދާ ވަގުތުތަކުގައި ބައެއް ފަހަރު އެއްވުމުގެ ތެރެއަށް ބޭރުން ބަޔަކު އައިސް ކަޅުތެޔޮފަދަ އެއްޗެތި އުކައި، އެއްވުމުގައި ބޭނުންކުރާ ތަކެއްޗަށް ބައެއްކަހަލަ ގެއްލުން ދިނުމުގެ އިތުރުން އެއްވުމުގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންނަށާއި މީޑިއާގެ ފަރާތްތަކުގެ އިތުރުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބޭ ފުލުހުންނަށް ޙަމަލާދީ އެކިކަހަލަ ގެއްލުން ދިނުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައި ވާކަމަށެވެ.
އަދި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމަށް ޤާނޫނު ނަމްބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ން ލިބިދީފައިވާ އިންތަކުގެތެރޭގައި އެއްވުމެއް ކުރިޔަށް ގެންދަނިކޮށް، އެ އެއްވުމުގެ ބޭރުން ބަޔަކު އައިސް އެއްވުމުގައި ބައިވެރިވާ މީހުންގެ ގަޔަށް ކަޅުތެޔޮ ފަދަ ތަކެތި އުކައި އެކިކަހަލަ ގޯނާތައްކޮށް، އެއްވުމުގެ ބައިވެރިންނަށާއި މީޑިއާގެ ފަރާތްތަކުގެ އިތުރުން ސަލާމަތީ ކަންކަން ބަލަހައްޓަންތިބޭ ފުލުހުންނަށް އަނިޔާކޮށް އެއްވުމުގައި ބޭނުންކުރާ ވެހިކަލްފަދަ ތަކެއްޗަށާއި އެއްވުން ކަވަރު ކުރުމުގައި ޙަރަކާތްތެރިވާ މީޑިއާތަކުން ބޭނުންކުރާ ތަކެއްޗަށް ގެއްލުންދިނުމަށް ކުރަމުންދާ މަސައްކަތް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެފަދަ ކަންކަން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރާ ކަމަށެވެ.
ޞުލްޙަވެރި އެއްވުންތަކުގެ ތެރެއަށް ބޭރުން އައިސް ވަނުމަށްފަހު ބައެއްފަހަރު އަނިޔާވެރި ޢަމަލުތައް ހިންގައި އެއްވުމުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތަކެއް ކުރިމަތިވުމާއެކު ފުލުހުން މިދަނީ އެފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށާއި އަދި އެފަދަ މައްސަލަތަކުގައި ކުށްވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން އެފަދަ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެނގޭނަމަ އެފަދަ މަޢުލޫމާތު 3322111 އަށް ނުވަތަ 119 ށް ގުޅުއްވައި ފުލުހުންނާ ޙިއްސާ ކުރައްވައި ފުލުހުން ކުރަމުންދާ ތަޙުޤީޤުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ދަންނަވާ ކަމަށާއި ޞުލްޙަވެރިކަމާއެކު އެއްވާ ފަރާތްތަކުންވެސް ޢާއްމު ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކަށް އިސްކަންދީގެ އެއްވުންތައް ކުރިޔަށް ގެންދިއުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދޭކަމެއްކަމުގައި ދަންނަވާ ކަމަށްވެސް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރށް ބުނެފައިވަނީ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގައި އަޑުގަދަކޮށް، ރައްޔިތުންނަށް އުނދަގޫވާގޮތަށް ޢަމަލުތައް ނުބެހެއްޓުމަށާއި އެފަދަ އެއްވުމެއްގައި ބައިވެރިވާ ފަރާތްތަކުންވެސް މީހެއްގެ މުދަލަށް ނުވަތަ ތަކެއްޗަށް ގެއްލުން ނުލިބޭނެގޮތަށް އެއްވުންތައް ކުރިޔަށް ގެންދިއުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް