ރާއްޖެއިން ލަންކާއާއި އިންޑިއާގެ އެއްބާރުލުމަށް އެދިއްޖެ

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް ރާއްޖެއަށް އަމާޒުވެފައިވާއިރު މިކަމުގައި އަވަށްޓެރި ލަންކާއާއި އިންޑިއާގެ އެއްބާރުލުމަށް ރާއްޖެ އެދިފައިވާކަމަށް ބޭރުގެ ބައެއް މީޑިއާތ...

16 Mar 2015 | 14:37

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް ރާއްޖެއަށް އަމާޒުވެފައިވާއިރު މިކަމުގައި އަވަށްޓެރި ލަންކާއާއި އިންޑިއާގެ އެއްބާރުލުމަށް ރާއްޖެ އެދިފައިވާކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އެގޮތުން ލަންކާގެ ނޫހެއް ކަމަށްވާ ކޮލޮމްބޯ ގެޒެޓްގައި ބުނެފައިވަނީ ރައީސް ނަޝިދަށް ހުކުމް ކުރުމާއި ގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް ރާއްޖެ އަށް އަމާޒުވަމުން އަންނައިރު ލަންކާއާއި އިންޑިއާގެ އެއްބާރުލުން ބޭނުންވާކަމަށް އެ ދެ ގައުމުކުރެން ރާއްޖެއިން އެދިފައިވަނީ މިއަދު ކަމަށެވެ.

ބައެއް ގައުމުތަކުން ރާއްޖެ "ޖަޖް" ކުރަމުންދަނީ އިންސާފުން ނޫންކަމަށް ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައި އެވެ. އަދި މިކަމުގައި ލަންކާގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށާއި ލަންކާގެ ސަރުކާރު ބަދަލުވި ނަމަވެސް ރާއްޖެއާއި ލަންކާގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ހާރިޖީވަޒީރު ފާހަގަކުރެއްވި ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

މި ހަބަރު ޒިންހުއާ ނޫސް އެޖެންސީން ގެނެސްދީފައިވާއިރު އެ ނޫހުގައި ބުނެފައިވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން ރާއްޖެއިން ކަން ކުރަންވާގޮތް ބުނެދޭން މަސައްކަތް ނުކުރާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ދުންޔާ ވިދާޅުވި ކަމަށާއި ރައީސް ނަޝީދުގެ ޝަރީއަތަކީ ޖުޑީޝަރީން ކުރިއަށްދިޔަ ޝަރީއަތެއް ކަމަށާއި ރައީސް ނަޝީދުގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ޕްރެޝަރެއް ކުރިމަތިކޮށްފައި ނުވާނެ ކަމުގައިވެސް ދުންޔާ ވިދާޅުވި ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުވެސް ބައިވެރިވެވަޑައިގެންނެވި އިރު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ޓުއަރިޒަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ވިދާޅުވިކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

އަދި ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން މުޒާހަރާ ކުރުމާއި މިނިވަން ކަމާއެކު ޝުއޫރު ފާޅު ކުރުމުގެ މިނިވަންކަން އެޕާޓީއަށް ދީފައިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ވިދާޅުވިކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް