މިހެން ބުނެފައި ޝާނީ ވަނީ ގޭތެރެއަށެވެ. ގޭތެރެވަނީ ހިމޭންވެފައެވެ. ސިޓިން ރޫމްގައި ހުރި އެނދެއްގައި ފާއިގު މަޑު ގުގުރީގައި ނިދާފައި އޮތެވެ. ދޮންމަންމަވެސް ނިދިތާ ކިތައްމެ އިރެކެވެ. ޚާލިދުބޭ ވީ މަހަށް ގޮހޮއެވެ. ހަމްޒާ ގޭތެރެއަށް ވައްދަންވީބާއޭ ޝަނީގެ ހިތަށް އެތައް ފަހަރަކު އަރަމުން ދިޔައެވެ. ކުރަން މިއުޅެވެނި ރަނގަޅުކަމެއްބާއެވެ.
" އާދޭ އެތެރެއަށް" ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން ޝާނީ ބުންޏެވެ. އޭރު ހަމްޒާ ވަނީ ތެމިފޯވެފައެވެ. ވާރޭ ހުއްޓާލާނޭ އިރެއްވެސް ނޭގެއެވެ. ޖެހިލުން ވެފައި ހުރެވެސް ހަމްޒާ ވެސް ވަނީ އެތެރެ އަށެވެ.
އެމީހަކަށް ފިޔަވަޅު އެޅުނު އެއްމެ މަޑަކުން ފިޔަވަޅު އަޅާފައި ގޮސް ދެމީހުން ވެސް ވަނީ ޝާނީގެ ކޮޓަރިއަށެވެ. ކޮޓަރި ތެރޭގައި ވަނީ މަޑުނޫކުލައިގެ ނިދާ ބޮކީގެ އަލި ފެތުރިފައެވެ. އެތެރެއަށް ވަނުމާއެކު ޝާނީ ދޮރުތަޅުލިއެވެ.
އޭރު ދެމީހުންވެސް ވަނީ ތެމިފައެވެ. ހަމްޒާގެ ޓީޝާޓުން ފެންތިކިތައް ތަރުފާލި މައްޗަށް ސޮހެމުންދިޔައެވެ. ޝާނީ އަވަސް އަވަހަށް އެނދު މަތީގައި އޮތްތުވާލި ހަމްޒާގެ އަތަށް ދިއްކޮށްލިއެވެ. އެއާއެކު ހަމްޒާ އޭނާގެ ކުރުއިސްތަށިގަނޑު ފުހެލިއެވެ. އަދި ތެމި ފޯވެފައިވާ ޓީޝާޓު ބޭލުމަށް ފަހުގައި ގައި ހިއްކާލިއެވެ. އަދި ޓީޝާޓުގެ ފެން ހިއްކާލުމަށް ޓަކައި އެނދުގެ ކޮޅުގައި އަޅުވާލިއެވެ. ޝާނީވެސް އޭނާގެ މޫނު ތުވާލިން ފޮހެލިއެވެ. އެ ހުރިހާ ކަމެއްވެސް ހިނގާ ދިޔައީ ދާދި އެކުއެކީ ގައެވެ.
މިފަދަ ވަގުތެއްގައި މިހާކައިރިން މިފަދަ ގޮތަކަށް ހަމްޒާ އާއި ބައްދަލުވުމުން ޝާނީގެ ހިއްސުތަކަށް ބަދަލެއް އައިސްފައިވާ ކަހަލައެވެ. އޭނާ ހުރީ އިސްއުފުލާ ހަމްޒާއަށް ބަލާލަންވެސް ލަދުގެންފައެވެ.
" ވަރަށް ވިއްސާރަ ރެއަކަށްވެއްޖެދޯ.." އެނދުގައި އިށީންނަމުން ހަމްޒާ ބުންޏެވެ. ހަމްޒާގެ ހިތުގެ ހިންގުމަށް ވެސް ބަދަލުތަކެއް އައިސްފައިވެއެވެ. އޭނާ ޖެހިލުން ވަނީ މިފަދަ ވަގުތެއްގައި މިގޮތައް ތިބިކަން މީހަކަށް އެނގުމުން މީހުން ކިޔާފާނެ އެއްޗަކާމެދުގައެވެ.
" ކީއްވެތަ މީހުން އެހެން އެކިޔަނީ..؟" ޝާނީ އަނެއްކާވެސް އެ ސުވާލު ހަމްޒާ އާއިކޮށްލިއެވެ.
" ކާކު ކީކޭ ކިޔައިގެންތަ ތިއުޅެނީ...؟" ހަމްޒާ ބުންޏެވެ. " ވެގެން އުޅޭގޮތް ކިޔާބަލަ..."
"ޚާލިދު ބޭބުނީ ...!" ޝާނީ އެޖުމްލަ ބުނަން ޖެހިލުން ވިއެވެ. އެފަދަ ތާކުން ތާކު ނުޖެހޭ އިލްޒާމެއް ހަމްޒާގެ ބޮލުގައި އަޅުވަން އޭނާ ޖެހިލުންވެއެވެ.
" ޚާލިދުބޭ ބުނީ ހަމްޒާތީ"
" ޕާރޓޭ އަކޭދޯ.." ޝާނީގެ ޖުމްލަ ފުރިހަމަ ނުވަނީސް ހަމްޒާ ބުންޏެވެ. ޝާނީއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
" އެހެނެއް ނޫން.... ބުނީ ހަމްޒާ ތީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެކޯ" ޝާނީ ނުރުހިފައި ބުންޏެވެ. އެއާއެކު ހަމްޒާގެ މޫނުމަތީގެ ކުލަވަރު ފަނޑުވެގެން ދިޔައެވެ. އޭނާ އިސްޖަހާލިއެވެ. އޭނާއަށް އެކުރެވުނު ކުށުގެ އަދަބު މިދުނިޔެ މަތީގައި އަދިވެސް ލިބެނީއޭ ހިތްބުންޏެވެ. ހަމްޒާގެ މިހަމަހިމޭން ކަމުން ޝާނީގެ ހިތަށް ބިރުވެރި ކަމެއް ގެނުވިއެވެ. އޭނާ ހަމްޒާގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ.
" އަނެއްކާ..." ޝާނީއަށް ބުނެވުނެވެ.
" އާނ ..... " އެއްމެ ފަހުން އެ މާޒީ ހަނދާން ކުރަން އަނެއްކާވެސް ހަމްޒާއަށް ޖެހުނީއެވެ.
"" އެއީ ތެދު ވާހަކައެއް..." ހަމްޒާ ބުންޏެވެ. " އެކަމަކު އެއީ މީގެ މާކުރީގެކަމެއް .. އެއީ، އަހަރެން ހަނދާން ކުރަން ބޭނުން ނުވާ މާޒީ އަކީ.... ޝީލާ އަހަރެންނާއި ވަކިވާން ޖެހުނު ސަބަބަކީ ވެސްއެއީ.." އަސަރާއެކު ހަމްޒާ އެވާހަކަތައް ކިޔާދޭން ފެށިއެވެ.
" އޭރު އުޅެވުނު ގޮތުން އަހަރެން މިއަދު މިވަނީ ދުނިޔޭގެ ހުރިހާ އުފަލުން މަހުރޫމްވެފަ... ދުވަހަކުވެސް މަޢާފެއް ނެއްކަމެއްތަމީ.." ހަމްޒާ ރޮވިފައިވާ އަޑަކުން ޝަކުވާގެ ރާގެއްގައި ބުންޏެވެ. އޭނާ ހަގީގަތުގައިވެސް ވަރަށް ދެރަވެއްޖެއެވެ.
"ކޮންމެ މީހަކުވެސް އަހަރެން އެކަނި ކޮށްލަނީ ތިހެން ކިޔާފަ... " ހަމްޒާ ބުންޏެވެ. " އެހެންވެ ކުރީގައި މިވާހަކަ ޝާނީއަށް ކިޔާނުދިނީ.. ޝާނީ ވެސް އަހަރެން އެކަނި ކޮށްލާފަ ދާނެ ކަންއެނގޭތީ... މީ ސަލާމަތެއް ނެއްކަމަކީ ތަ" ހަމްޒާ ޝަކުވާ ގެނަޒަރަކުން ޝާނީއަށް ބަލާލިއެވެ.
ހަމްޒާގެ ޚިޔާލުގައި އެ މާޒީ ތަސްވީރު ވަމުން ދިޔައެވެ. އޭރު އޭނާއަށް އުޅެވުނު ގޮތެވެ. އޭނާ ވާހަކަދެއްކި ބަހުރުވައެވެ. އެއާއެކު އޭނާގެ ލޯ ފެންކަޅިވެގެން ދިޔައެވެ. ހަމްޒާގެ ވާހަކަތައް އަޑުއަހަން ޝާނީ އިނީ ކަޅިޖަހާނުލާ ހަމްޒާއަށް ބަލަހައްޓައިގެންނެވެ. ހަމްޒާގެ ލޮލުން ވިދަމުން ދިޔަ ކަރުނައިގެ އަސަރު ޝާނީ އަށްފެނުނެވެ
ހަމްޒާ މިގޮތަށް ދެރަވެފައި ހުރުމުން ޝާނީގެ ހިތަށް ވަރަށް ފުންއަސަރެއް ކުރިއެވެ. ހަމްޒާގެ މާޒީއަކީ އެދެމީހުންގެ މެދަށް އެޅޭ ހުރަހަކަށް ވާކަށް ޝާނީ ބޭނުމެއް ނޫނެވެ. އެހެން އަންހެން ކުދިންހެން ހަމްޒާގެ ހިތްހަލާކު ކޮށްލާކަށް ޝާނީ ބޭނުމެއް ނޫނެވެ. ޝާނީ ގަބޫލުކުރާ ލޯތްބަކީ އެއީއެވެ. އެކަކު އަނެކަކަށް އޯގާތެރިވުމެވެ. އެހީތެރިވުމެވެ.
" ހަމްޒާ..." ހަމްޒާގެ ދަތްދޮޅީގައި ޝާނީ އަތްޖައްސާލަމުން އޭނާގެ އިސްއުފުލުވާލިއެވެ.
" ހަމްޒާ އަހަރެން ދެކެ ލޯބިވޭތަ؟" ޝާނީ އަށް ކޮށްލެވުނީ ސުވާލެކެވެ. އެއާއެކު ހަމްޒާގެ ލޮލުން ކަރުނަ ފައިބައިގަތެވެ.
" އަމިއްލަ ނަފުސަށް ވުރެވެސް ބޮޑަށް.." ހަމްޒާ ބޯ ޖަހާލަމުން ރޮވިފައިވާ އަޑަކުން ބުންޏެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް